ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީއަށް ދައްކަން ޖެހޭ ދަރަންޏަކަށް މައުމޫން ޒިންމާވާން ޖެހޭނެކަމަށް ބުނާ މައްސަލަ ސްޕްރީމް ކޯޓްގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބަލާތީ ރައީސް މައުމޫންގެ ފަރާތުން އެކަން ސްޕްރީމް ކޯޓުގައި މިދިޔަ އޭޕްރީލް މަހު ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހުގެ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

ސިވިލް ކޯޓުން 2010 ވަނަ އަހަރު، އެމްޓީސީސީއަށް ޑީއާރްޕީން 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުން ހޯދުނީ 2،609.33ރ. އެވެ. އޭގެފަހުން މައުމޫން އެ ދަރަންޏަށް ޒިންމާވާން ޖެހޭނެކަމަށް ބުނެ އެމްޓީސީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އެމްޓީސީސީން މައުމޫން ޒިންމާވާން ޖެހޭނެކަމަށް ބުނަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ މާއްދާއަކާ ހަވާލާދީ އެވެ. އެގޮތުން ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް އެ މާއްދާގައި ބުނާކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމީ ޑީއާރްޕީގެ ފައުންޑާ އަދި ޒައީމް މައުމޫން އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. މައުމޫނަށް ރައްދުވާ ގޮތަށް މައްސަލަ ނުބެލޭނެ ކަމަށް ނިންމުމުން ހައި ކޯޓުން ނިންމީ މައްސަލަ ބޭރު ނުކުރުމަށެވެ.

ސްޕްރީމް ކޯޓުން މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު، އާއިޝާ ޝުޖޫން މުޙައްމަދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.

ޑީއާރްޕީ ދެބައި ވުމުން ރައީސް މައުމޫން ޕީޕީއެމް އުފައްދަވާ އެ ޕާޓީ ހިންގެވި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ޑީއާރްޕީގެ ލީޑާޝިޕް ބަދަލުވެ، އެންމެ ފަހުން ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ހިންގެވި ދުވަސްވަރު 3000 މެންބަރުން ހަމަނުވެގެން ޕާޓީ ވަނީ އުވާލާފަ އެވެ.