ކޮންމެ ތަނެއްގައި ޑިއުޓީ ކުރަންޖެހުނަސް، ވީ އެންމެ ރަނގަޅަކަށް ޚިދުމަތްދޭން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް ގޮވާލައްވައިފި އެވެ.

އިހުސާން މިހެން ގޮވައިލެއްވީ 38 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިންނާ ވާހަކަ ދައްކަވަމުންނެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުލުހުން ޚިދުމަތް ގާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ފުލުހުންގެ ޚިދުމަތަކީ އުނދަގޫ ޚިދުމަތެއް ކަމަށެވެ. އެއީ ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް ދުރުދުރުގައި އުފެދިފައި ހުރުމުން، ދަތުރުފަތުރުގެ ދަތިކަން ވެސް އޮތުމުން ކަމަސް އިހުސާން ފާހަގަކުރެއްވި އެވެ.

އެ މަސައްކަތުގެ ތެރެއިން ގިނަ ފުލުހުން އެކިއެކި ރަށްރަށަށް ޑިޕްލޯއި ކުރެވޭނެކަން އިހުސާން ފާހަގަ ކުރެއްވިއެވެ. އަދި ކޮންމެ ފަހަރަކު ޑިއުޓީކުރަން ލިބޭނީ އެންމެ ހިތްއެދޭ ތަނުގައި ނޫން ކަމަށް ވިޔަސް، ކޮންމެ ދިމާލެއްގައި ކުރާ ޑިއުޓީގައި ވެސް ރައްޔިތުން ހިތްއެދޭ ގޮތަށް ޚިދުމަތްދޭން އަޒުމް ކަނޑައެޅުމަށް އިހުސާން ވަނީ ފުލުހުންނަށް ގޮވާލައްވައިފަ އެވެ.

"މި ޚިދުމަތުގައި އުޅޭއިރުގައި އަޅުގަނޑުމެންނަށް އަބަދު ޚިދުމަތް ކުރަން ލިބޭނީ އެންމެ ހިތްއެދޭ ތަނުގައެއް ނޫން. އެހެން ނަމަވެސް އެ މީހާގެ ޑިއުޓީ ކޮންމެ ދިމާލަކަށް ޖެހުނަސް، އެންމެ ހިތް އެދޭގޮތަށް ޚިދުމަތް ދޭން އަޒުމް ކަނޑައަޅައިގެން، ޚިދުމަތުގެ ފެންވަރު އެންމެ ރަނގަޅަށް ދިނުމަކީ، ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންވާނެ،" .
އިހުސާން ވިދާޅުވިއެވެ

އިހުސާންގެ ވާހަކައިގައި ވަނީ ފުލުހުންގެ އަސާސީ ތަމްރީނުން ދަސްވެނިވި ކުދިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފައެވެ. އެ ގޮތުން ވެރިންނަށް ކިޔަމަންވުމާއި އިހުތުރާމާއި ލޯތްބާއެކު ރީތި ބަހުން މުއާމަލާތް ކުރުމާއި ކުރުމާއި، ޚިދުމަތް ދިނުމުގައި ރައްޔިތުމީހާއަކީ ތިމާގެ އެންމެ އިސްވެރިޔާކަމަށް ދެކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، މިދިޔަ އަހަރު ފުލުހުންގެ ޚިދުމަތް ރަނގަޅަށް ދެވުނު ކަމަށެވެ. އެހެން ނަމަވެސް އަދި މި އަހަރު، ފުލުހުންގެ ފަރާތުން ލިބޭ ޚިދުމަތާއެކު ރައްޔިތުން ކުރާ އުންމީދު މާ ބޮޑު ކަމަށް ވިދާޅުވި އެވެ. އެ ގޮތުން އިހުސާން އެދިވަޑައިގަތީ މި އަހަރު ވެސް ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ދިނުމަށެވެ.

ފުލުހުންނަކީ ބައިވަރު ޒިންމާތަކެއް ހަވާލުވެގެން މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެ މަސައްކަތުގެ ތެރެއިން ހަތަރު ކަމަކަށް ވަނީ ޚާއްސަ އިސްކަމެއް ދީފަ އެވެ. އެއީ ރާއްޖެއިން މަސްތުވާތަކެތި ނައްތައިލުމާއި، ގޭންގު ހަދައިގެން ކުރާ ކުށްތައް ހުއްޓުވުމާއި، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމުގެ އިތުރުން، ކުށުގެ ކުށަށް އަރައިގަންނަ ކުޑަކުދިން ސަލާމަތްކުރުމެވެ.