ޣައްޒާ އުތުރުގައިވާ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުން، އެމީހުންގެ ގެދޮރަށް އެނބުރި ދާން އުޅުމުން އެކަމަށް ހުރަސް އަޅާ ފަލަސްތީނު މީހުންނާ ދިމާލަށް އިޒްރޭލްގެ ބާރުތަކުން ބަޑިޖަހައި، މަދުވެގެން އެކަކު ޝަހީދުކޮށްލައިފި އެވެ.

ހަމާސްއިން ތުހުމަތު ކުރާ ގޮތުގައި އިޒްރޭލުން ގެންދަނީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރުން ލަސްކުރަމުންނެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވީ އަމިއްލަ ގެދޮރަށް ދާން އުޅުނު މީހުންނަށް ހުރަސް އެޅީ އެއްބަސްވެފައިވާ ގޮތައް ހަމާސްއިން މަދަނީ އަންހެން ރަހީނަކު ދޫކޮށްނުލުމުގެ ސަބަބުން ކަމަށެވެ.

އެއް ފަރާތުން އަނެއް ފަރާތައް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރަމުންދާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހޮނިހިރު ދުވަހުގެ ކުރީކޮޅު 4 އިޒްރޭލްގެ ސިފައިންނާއި 200 ފަލަސްތީނު މީހުން ވަނީ މިނިވަންކޮށްފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ހޮނިހިރު ދުވަހު އެއް ބަޔަކު އެނެއް ބަޔަކަށް ބަދަލު ކުރި ބަހުގެ ހަމަލާތަކާ އެކު އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދިއުމަށް ހުރަސް އެޅުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ނާޒުކުކަން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ކުރިން ވެސް މި އެއްބަސްވުމަކީ ޚިލާފުތައް އުފެދިދާނެ އެއްބަސްވުމެއް ކަމަށް ބެލެވިފައިވާއިރު، އިޒްރޭލުން ވާހަކަ ދައްކާއިރު އެއްބަސްވުމުގެ ބަދަލުގައި ކިޔަމުން އަންނަނީ ވެސް "އޮނިގަނޑެއް" ކަމަށެވެ. އިޒްރޭލުން މައްސަލަ ހޫނު ކޮށްގެން މިއުޅެނީ ފަލަސްތީނުގައި ހުރި އެ ގައުމުގެ ރަހީނެއް ކަމުގައިވާ އުމުރުން 29 އަހަރުގެ އަރްބެލް ޔެހުދް، ނަމަކަށް ކިޔާ އަންހެނަކު ދޫކޮށް ނުލައިގެންނެވެ.

އިޒްރޭލުން ބުނާ ގޮތުގައި އެއީ ހޮނިހިރު ދުވަހު ދޫކޮށްލަން ޖެހޭ މީހެއް ކަމަށާއި، ހޮނިހިރު ދުވަހު ދޫކޮށްލި ހަތަރު އަންހެނުންގެ ތެރޭގައި އޭނާ ނުހިމެނޭ ކަމަށެވެ. މިކަމާ ގުޅިގެން އިޒްރޭލުން ޣައްޒާގެ މަދަނީ ރައްޔިތުންނަށް އުތުރަށް ދިއުމަށް ހުރަސް އެޅި އިރު މިއީ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ހޮނިހިރު ދުވަހު ކުރަން ހަމަޖެހިފައި އޮތް ކަމެކެވެ.

މި މައްސަލަ އިތުރަށް އުނދަގޫވެފައިވަނީ ޔެހުދް ހިފަހައްޓާފައި ހުރީ ހަމާސް އިން ނޫން ކަމަށް ވާތީ އެވެ. ޣައްޒާގައި ހަރަކާތްތެރިވާ އަނެއް ޖިހާދީ ޖަމާއަތް ކަމުގައިވާ ފަލަސްޠީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ)ގެ އިސް ފަރާތަކުން ސީއެންއެން އާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ޔެހުދް ހިފަހައްޓާފައި ވަނީ އެ ޖަމާއަތުން ކަމަށާއި، އޭނާ ދޫކޮށްލާނީ ބަންދު ކޮށްފައިވާ މީހުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ކަމަށެވެ.

ހަމާސް އާއި އިޒްރޭލުން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރަމުން ދާއިރު 15 މަސްދުވަހުގެ މުއްދަތައް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓުމަކަށް ގެނައި އެއްބަސްވުން ކިހާ ދުވަހަކު ދެމި އޮވެދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.