ރައީސް މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ދެމެދު އޮތް ސިޔާސީ ގުޅުން ކެނޑި، ކުއްލި ގޮތަށް ޓޫރިޒަމް މިނިސްޓަރުކަމުން އިބްރާހިމް ފައިސަލް ވަކިކުރުމުން ދިރިއުޅުން ލ. ފޮނަދުއަށް ބަދަލުކުރަން ނިންމައިފި އެވެ.
އުފަން ރަށް ފޮނަދުއަށް ދިރިއުޅުން ބަދަލުކުރަނީ މިދިޔަ ހަފުތާގައި ކުއްލިއަކަށް މަގާމުން ވަކިކުރުމާ އެކު މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ރަށަށް ދިރިއުޅުން ބަދަލުކުރުން ކަމަށް ފައިސަލް ދެކެ އެވެ.
ފައިސަލް މިހެން ވިދާޅުވިއިރު އަބްދުއްރަހީމް މާލޭގައި ހުންނަ އެންމެ އަގުބޮޑު އެއް ކޮންޑޮމީނިއަމް "ރެހެންދި"ގައި ދެ އެޕާޓްމަންޓް ހުރެ އެވެ.
"ސަން"އާ ވާހަކަދައްކަވަމުން ފައިސަލް މިއަދު ވިދާޅުވީ މިހާރު ނިންމާފައިވަނީ މި މަހު، އުފަން ރަށް ލ. ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރައްވަން ކަމަށެވެ. އަދި ރައީސް މުއިއްޒަށް ވެރިކަން ހޯދައިދިނުމުގައި އޭނާއާއި އޭނާގެ ބައްޕަ އަބްދުއްރަހީމްގެ 'ކޮންމެ ވެސް ވަރެއްގެ' ހިއްސާއެއް އޮތްކަމަށް ދެކޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑު ކުއްލިއަކަށް އެއްވެސް ސަބަބެއް ނުބުނެ ވަކިކުރީމާ، އަޅުގަނޑު ބައްޕަ މެލޭޝިއާގައި ހުރެ ހަމަ އެރެއިން އެރެއަށް ރާއްޖެ އައިސް ވަރަށް ފުޅާކޮށް މި ކަމުގައި މަޝްވަރާކޮށްފައި [ނިންމީ] މި ވަގުތަށް އަޅުގަނޑަށް އެންމެ ރަނގަޅުގޮތަކީ ރަށަށް ބަދަލުވުންކަމަށް،" އޭނާ ވިދާޅުވެފައިވެ އެވެ.
ފައިސަލް ވިދާޅުވީ، ފަސް މަހުގެ ދަރިއަކު ހުރުމާ އެކު ކުއްލިއަަކަށް ދިމާވި ހާލަތާ އެކު މާލޭގައި ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓުމަކީ ވެސް ދަތިކަމަކަށް ވާނެ ކަމަށެވެ. އެހެންވެ، އެއީ ވެސް ރަށަށް ބަދަލުވާން ނިންމެވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އޭނާގެ މަގާމު ގެއްލުނަސް ބައްޕާފުޅު އަބްދުއްރަހީމް ހުންނެވީ ސަރުކާރާއި، ރައީސާ އެކީގައި ކަމަށެވެ. އަދި، ބައްޕާފުޅު ދެއްވި ނަސޭހަތަކީ ވެސް ސިޔާސީ ކަންކަމާ ކެރިގެން ކުރިމަތިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މުސްތަގުބަލުގައި ސިޔާސީ ކަންކަމުން ވެސް އިތުރަށް ގަދަކޮށް ފެންނާނެ ކަމަށެވެ