ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު އޮތް އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ ގުޅުން މިހާރު ކެނޑިފައިވާކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.

ކުރިން އަބްދުއްރަހީމާއި ރައީސް މުއިއްޒަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ގެނެސްދިނުުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ އަބްދުއްރަހީމެވެ. އަދި ސިޔާސީ ޕޯޑިއަމްތަކުގައި ރައީސް މުއިއްޒުގެ ދިފާއުގައި ގަދަ ބަސްތައް ބުނެ، މުއިއްޒަށް ހިތްވަރާއި އަޒުމް އާކޮށްދޭ މަދަދުގާރަކީ ވެސް އަބްދުއްރަހީމެވެ.

އެހެން ނަމަވެސް ފާއިތުވެދިޔަ ހަފްތާގައި, މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކުރި ފަހުން, މުއިއްޒު ފައިސަލްގެ ބައްޕަ އަބްދުއްރަހީމްގެ ފޯން ކޯލަކަށް އަދި މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވާކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން "ހުރިހާ"އަށް ވަނީ ކިޔައިދީފަ އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮންނަ ޕީއެންސީއަށް ނިސްބަތްވާ މެމްބަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވިގޮތުގައި ފައިސަލް މަގާމުން ދުރުކުރި ފަހުން މުއިއްޒުއާއި އަބްދުއްރަހީމާ ދެމެދު އިތުރަށް ވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން އަބްދުއްރަހީމް މެލޭޝިއާ ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ހިސާބުން ފެށިގެން ރައީސް މުއިއްޒާ ވާހަކަ ދެއްކޭތޯ އެކިގޮތް ގޮތުން އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތަކުރާރުކޮށް ފޯނުކޮށް އަދި އަބުދުއްރަހީމް މެސެޖުކުރުމުން ވެސް މުއިއްޒު އަބުދުއްރަހީމަށް އެއްވެސް ޖަވާބެއް މިއަދާ ހަމައަށް ދެއްވާފައިނުވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރުމާ ގުޅިގެން މެލޭޝިއާގައި ހުންނަވައި އަބްދުއްރަހީމް ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއަކަށް އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން އަބުދުއްރަހީމް ވިދާޅުވެފައި ވަނީ ފައިސަލް މަގާމުން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ.

އަބްދުއްރަހީމްގެ މި އިންޓަވިއުއާ ގުޅިގެން، ކޯފާއިސްކުރައްވައި ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމަށް އިންޒާރެއް ވެސް ދެއްވާފައިކަމަށް އެނގިފައިވެ އެވެ. އެގޮތުން އެދުވަހަށް ފަހު ސަރުކާރުގެ އެއްވެސް ކަމަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އަދި އެހެން ތަނެއްގައި ވެސް ބަހެއް ނުބުނުމަށް ވަނީ އިންޒާރުކުރައްވާފަ އެވެ. އަދި އަބްދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމަށް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕަށް އަންގަވައިފަ އެވެ.

އަބްދުއްރަހީމް މަގާމުން ވަކިކުރުމަށް މުއިއްޒު އެންގެވުމާ ގުޅިގެން، އެކަމާ ޕީއެންސީ މެމްބަރުންގެ ތެރޭގައި ގިނަ މަޝްވަރާތަކެއް ވެސް ކޮށްފައިވާކަން އެނގިފައިވެ އެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ކަނޑައެޅި ޝަރުތުތަކެއް، އަބްދުއްރަހީމް ގަބޫލުކޮށް، އެއްބަސްވުމުން މިހާރު އެ މަޝްވަރާތަކަށް ނިމުން އައިސްފައިކަމަށް ވެސް އެނގިފައިވެ އެވެ.

އަބްދުއްރަހީމް އާއި ދަރިކަލުން ފައިސަލްއަށް ވެސް އޮތީ ހަނުހުރުމެވެ. ސަރުކާރާ ދެކޮޅަށް ހަމަ އެއްވެސް އެއްޗެއް ނުބުނެވެ އެވެ.

ރައީސް މުއިއްޒުގެ މި އަނިޔާވެރި އަމަލުގެ ސަބަބުން އެންމެ ގާތް މަދަދުގާރު އަދި އެކުވެރިޔާއަށް ބިރުދައްކައި ތަޅުއެޅުވިއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެންނެވެ. އަދި ރައީސް ޔާމީނަށް އޮތް ތާއީދުގެ ބޭނުންކޮށް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަންކުރާނެ ކަމަށް ވިދާޅުވެ ވީހާ ވައުދުތަކާ ހިލާފުވެފަ އެވެ.

ވެރިކަމަށް މާގިނަ ދުވަހެއް ނުވަނީސް، މުއިއްޒުގެ ފަރާތުން އެންމެ ބޮޑަށް އަނިޔާ މިހާރު ލިބެމުންދަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި އެންމެ ބޮޑު ގުރުބާނީއެއްވި ފަރާތްތަކަށެވެ.

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަބުދުއްރަހީމާމެދު މުއިއްޒު އަމަލުކުރަމުންދާ ގޮތުން މުއިއްޒުއަކީ ޒާތީ ހަސަދައާއި ރުޅިވެރިކަމުން ފޯވެފައިވާ މީހެއްކަން ދަނީ ހާމަވަމުންނެވެ.