ކުރީގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވާތީ އެ ކުންފުނީގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެ އެވެ.

މިގޮތަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

މެންބަރު މުހައްމަދު އިބްރާހީމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެފްޑީސީ އިން އިމާރާތްކުރާ 4،000 ފްލެޓްގެ ތެރެއިން 744 ފްލެޓް މިހާރުވެސް ނިމިފައިވާ އިރު، ފްލެޓާއި ކޮމާޝަލް އޭރިއާއިން ލިބޭ އާމްދަނީ އިން ލޯނު އަދާކުރެވެން އޮއްވައި، ރައްޔިތުންގެ ފައިސާއިން ލޯނު ދައްކަނީ ކީއްވެތޯ އެފްޑީސީގެ އިސްވެރިންނާ ސުވާލުކުރަން ބޭނުންވާ ކަމަށެވެ.

މި މަޝްރޫއަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.39 މިލިއަން ރުފިޔާ އަދި އެފްޑީސީގެ ރިކަރަންޓް ހަރަދަށް މަހަކު 3.2 މިލިއަން ރުފިޔާ ހޭދަވަމުންދާ ކަމަށާއި ނިމިފައިވާ ފްލެޓްތަކާއި ކޮމާޝަލް އޭރިއާ ދޫކޮށްގެން ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މެންބަރުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ފްލެޓު ތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވަނީ ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި، ތިން ކޮޓަރީގެ 2،800 ހައުސިން ޔުނިޓެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެ އެވެ.