ވޭޕް ބޭނުންކުރުމުގެ ސަބަބުން މިދިޔަ މަހު 12 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭއަށް ވޭޕް އެތެރެކުރުމާއި، އޭގެ ބޭނުންކުރުމާއި، އެހެން ފަރާތްތަކަށް ހިލޭ ދިނުމާއި، ވިއްކުން މަނާކުރާ ގަވާއިދަށް އަމަލު ކުރަން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

މި ގަވާއިދުގެ ދަށުން ޑިސެމްބަރު މަހުގެ 15 އިން 31 އާ ހަމައަށް 20 މައްސަލައެއްގައި 17 މީހަކު ވަނީ ޖޫރިމަނާ ކުރެވިފަ އެވެ. އަދި މީގެ އިތުރުން ފާއިތުވި މަހު 12 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ވާރު ޕޭގެ ޕޭމަންޓް ލިންކް ހިމެނޭ މެސެޖެއް ފޮނުވައިގެން ޖޫރިމަނާ ދެއްކުމަށް އަންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް ރައްޔިތުން ފުރިހަމައަށް އިހްތިރާމްކޮށް، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެހީތެރިވުމަށް ފުލުހުންގެ އިލްތިމާސްކުރެ އެވެ.

ނަމަވެސް، ވޭޕް މަނާކުރުމުގެ ގާނޫނު ތަންފީޒުކުރަން ފެށުނު ފަހުންވެސް، ބައެއް ފަރާތްތަކުން ދަނީ ވޭޕް ބޭނުން ކުރަމުންނެވެ. ނަމަވެސް ބޭނުން ކުރާ މީހުންގެ އަދަދު ބޮޑުތަނުން މަދު ކަމަށްވެސް އިދާރާތަކުން ހާމަކުރެ އެވެ.