2016 ވަނަ އަހަރު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ސަނަމް ތޭރީ ކަސަމް"އިން އާއްމުންގެ ސަމާލުކަން ހޯދި ޕާކިސްތާނުގެ ތަރި މާވްރާ ހޮކޭން ކައިވެނިކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު މާވްރާ ކައިވެނި ކޮށްފައި ވަނީ އޭނާއާއެކު ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އެކްޓަރެއް ކަމަށްވާ އަމީރު ގިލާނީއާ އެވެ.

ކައިވެނީގެ ތެރެއިން ނަގާފައިވާ ފޮޓޯތައް މާވްރާގެ ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އެ ފޮޓޯތަކުގައި މާވްރާ ޖަރީކޮށްފައިވާ ލެހެންގާ ހެދުމެއް ލައިގެން ހުރިއިރު އަމީރު ހުރީ ކަޅު ކުލައިގެ ކުރުތާއެއްގަ އެވެ.

"ބިސްމިﷲ! 05.02.2025" މާވްރާ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

މާވްރާއާއި އަމީރު ވަނީ ޕާކިސްތާނުގެ ގިނަ ޑްރާމާތަކަކުން އެކުގައި ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި "ސަބާތު" އަދި "ނީމް" ހިމެނެ އެވެ.

މީގެ ކުރިން އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއެރި ނަމަވެސް އެ ދެމީހުންކުރެ އެކަކުވެސް އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ހަރްޝްވަރްދަން ރާނޭ ވެސް ފެނިގެންދިޔް މާވްރާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމު "ސަނަމް ތޭރީ ކަސަމް" އަށް ބޮކްސްއޮފީހުގައި ނާކާމިޔާބީއާ ކުރިމަތި ވިޔަސް އާއްމުންގެ ބޮޑު މަގުބޫލުކަމެއް އެ ފިލްމަށް ލިބުނެވެ.