ހުޅުމާލެގައި ކޯރާޑިއަކުން މީހަކަށް ހަމަލާދިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލަ ރޭ 23:35 އެހާ ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މަރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާއަށް ހަމަލާ ދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭ އިން މާލެ އަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރުޝްތަމް އިބްރާހިމް، ހީނާމާގެ، ގދ. ފިޔޯރީ (25) އާއި އަބްދުﷲ ޒާހިދު ޒުބައިރު، ސްޓާ، ބ. ހިތާދޫ (18) އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާއިރު، އެމީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވާ ހަތިޔާރާއި ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.