އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ނަންތައް ފޮނުއްވައިފި އެވެ.
އީސީގެ ރައީސް ކަމަށް އައްޔަނު ކުރަން ރައީސް މުއިއްޒު ހުށަހަޅުއްވާފައި ވަނީ އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސް ކަމަށް އަބްދުއްރަހުމާން ސަލާހު ރަޝީދު އެވެ.
އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރަން ރައީސް މުއިއްޒު ހުށަހަޅުއްވާފައި ވަނީ އަހުމަދު ނާޝިދު އެވެ.
މި ތިން ބޭފުޅުންވެސް ކޮމިޝަންތަކުގެ މެންބަރު ކަމަށް އައްޔަންކޮށްފައި ވަނީ މިދިޔަ މިދިޔަ ޖެނުއަރީ މަހު އެވެ.
ރައީސް ފޮނުއްވި ތިން ނަން ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
އީސީއާއި އޭސީސީއަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް، އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ލިބޭ ދެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މިއާއެކު ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނު ކުރާނީ އެ މަގާމުތަކަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހަޅައިގެންނެވެ. އޭގެއިތުރުން އެ ބިލުތަކުގައި ވާގޮތުން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ހުށަހަޅަން ވެސް ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.