ހުޅަނގުގެ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް ސުޕަ ބޯލްގެ ތެރެއިން ފަލަސްތީނާއި ސޫދާންގެ ދިދަ އުފުލައި މުޅި ދުނިޔެއަށް ދައްކާލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އޮތް ސުޕަ ބޯލްގައި ފަލަސްތީނާއި ސޫދާންގެ ދިދަ އުފުލާލާފައި ވަނީ ހާފް ޓައިމްގައި އޮތް ކެންޑްރިކް ލާމާގެ ހުށައެޅުން ނިމެން އުޅެނިކޮށެވެ.

އެއްކޮށް ކަޅު ކުލައިގެ ހެދުމެއް ލައިގެން ހުރި މީހަކު ދަނޑުގައި އޮތް ކާރުގެ މައްޗަށް އަރައި އެ ދެގައުމުގެ ދިދަ ދައްކާލާފައިވަނީ އިހުތިޖާޖު ކުރާ ކަހަލަ ގޮތަކަށެވެ. ބެލެވޭ ގޮތުގައި އެ މީހަކު ބޭނުންވީ ޣައްޒާއާއި ސޫދާންގެ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާށެވެ.

އެހެން ނަމަވެސް މާ ގިނައިރެއް ނުވެ އިވެންޓްގެ ސެކިއުރިޓީއިން ވަނީ އޭނާ ޓެކުލްކޮށް ބިންމައްޗަށް ވައްޓާލައި ދަނޑުން ބޭރުކޮށްފަ އެވެ.

ކެންޑްރިކްގެ ހުށައެޅުމުގައި ބައިވެރިވި ބެކްގްރައުންޑް ނެށުންތެރިން ވެސް ބޭނުންކުރީ އެމީހާ ލައިގެން ހުރި ކަހަލަ ހެދުންތަކެކެވެ. އެ އަމަލަކީ ކެންޑްރިކްގެ ހުށައެޅުމުގެ ބައެއްކަން ނުވަތަ ނޫންކަން ޔަގީން ވެފައެއް ނުވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ކެންޑްރިކްގެ ހުށައެޅުމުގެ ތެރެއިން ބައެއް މަޝްހޫރު ތަރިންގެ ފެނިލުންތައް ފެނިފައިވާ ކަމެވެ. އޭގެ ތެރޭގައި ސެމިއުލް ޖެކްސަންއާއި ސެރީނާ ވިލިއަމްސް ހިމެނެ އެވެ.