ދެ ބޮންޑެޑް ވެއާހައުސްއަކުން މަދުވި ގިނަ އަދަދެއްގެ ސިނގެރޭޓާއި ގުޅިގެން، އެ ތަންތަނުން ކަސްޓަމްސްއަށް ލިބެންޖެހޭ 67 މިލިއަން ރުފިޔާ ހޯދުމަށް ކަސްޓަމްސްއިން އޭޖީ އޮފީހުގައި އެދިއްޖެ އެވެ.

މި މައްސަލައިގައި ހިމެނޭ ދެ ތަނަކީ އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ކަމަށް ކަސްޓަމްސްއިން މިއަދު ބުންޏެވެ.

ކަސްޓަމްސްގެ ބަޔާނުގައި ވާގޮތުން، އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއިން ޖުމުލަ 575 ކޭސް ސިނގިރޭޓު ވަނީ ގަވާއިދާ ޚިލާފަށް ނެރެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސްއާއި، އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސްއާއި، މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭހެވެ.

އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން ވެސް ވަނީ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ނެރެފައިކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

އެހެންވެ، އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ ދެ މައްސަލާގައި އެ ދެތަނުގެ ވެސް ރަޖިސްޓްރީ މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ

އެ އިދާރާ އިން ބުނީ މިކަމާއި ގުޅިގެން ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓަރީ މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އެގްޒޯޓިކް ކުންފުނިން ކަސްޓަމްސް އަށް ދައްކަންޖެހޭ 47.2 މިލިއަން ރުފިޔާ އާއި އެސްޖީއެމް އިން ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް، ހޯދުމަށް މައްސަލަ އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށްވެސް ކަސްޓަމްއިން ބުންޏެވެ.

ގޭގޭގައި ހަދާފައިވާ ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅު ހަރުކޮށްފައި ހުންނައިރު އޭގެ ތެރެއިން އެއް ތަޅުދަނޑި ކަސްޓަމްސްގައި އަދި އަނެއް ތަޅުދަނޑި އޮންނަނީ އެ ބޮންޑެޑް ވެއާހައުސްއަކަށް ޒިންމާވާން ޖެހޭ ފަރާތެއްގެ ހަވާލުގައި އެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށް، ބޮންޑެޑްވެއާހައުސްތަކުގައި ދުންފަތުގެ ބާވަތްތައް ބެހެއްޓުން މަނާކޮށް އެ އިދާރާގެ ގަވައިދު އިސްލާހުކޮށްފަ އެވެ.