ޕާޓީތަކުން ވަގު ފޯމް ހުށަހެޅުން ހުއްޓުމަކަށް ގެނެސް، ހަމައެކަނި އީ-ފާސް ބޭނުންކޮށްގެން ނޫނީ ސިޔާސީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާހުކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް އެތައް ހާސް ބަޔަކު ވަގަށް ވެއްދި މައްސަލަތަކެއް ދާދިފަހުން ފެންމަތިވި އެވެ. މި ކަން ހައްލުކުރުމަށް އެކި ފަހަރު މަތިން އިލެކްޝަންސް ކޮމިޝަނުން އެކި މަސައްކަތް ކުރި ނަމަވެސް މީހާއަށް ނޭނގި ޕާޓީއަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ.
ނަމަވެސް އީ-ފާސް މެރުވެރިކޮށް ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް އެދި ހުށައެޅޭ ގޮތް ހެދުމަށް އޮޅުވާލައިގެން ޕާޓީއަށް ވައްދާ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. މިހާރު އަމަލުކުރަން ފަށާފައިވާ ސިޔާސީ ޕާޓީގެ ގަވާއިދުގައި މި ބަދަލު ވަނީ ގެނެސްފަ އެވެ.
މި ގަވާއިދުގައި ވަނީ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މަދުވެގެން 3,000 މީހުންގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުގެ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށައަޅަންވާނެ ކަމަށެވެ. ސިމެދަ ޕޯޓަލަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓައި ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފުތަރަށް މީހުން ވެއްދުމާއި މީހުން އުނިކުރުމަށް ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމަށް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓްރީވެވޭނެ އެވެ.
ގަވާއިދުގައިވާ ގޮތުން އަލަށް ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް އީފާސް މެދުވެރިކޮށް ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގައިވާ އެ ފަރާތުގެ މައުލޫމާތު، އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމަށް އިގުރާރުވާންވާނެ އެވެ.
ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށައަޅާ ފަރާތްތަކުގެ މައުލޫމާތު ސިޔާސީ ޕާޓީތަކުން 10 އަހަރު ވަންދެން ބަލަހައްޓަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގޮތެއް ކަނޑައަޅައި އާންމުކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. މި ގަވާއިދުގެ ދަށުން ސިމެދަ ޕޯޓަލް ބޭނުންކުރުމުގެ ހުއްދަ ދޭނީ އެކަމަށް އެދި އީސީއަށް ހުށައެޅުމުންނެވެ.