ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހަޅާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ސިނާން އާއި އަދި އިތުރު ބަޔަކާ ގުޅިގެން ނަގާފައިވާ 3,802,863.32ރ. ގެ ސޭލްސް އެންޑް ލީސްބެކް ފައިނޭންސިން ފެސިލިޓީ އަށް ފައިސާ ނުދައްކައިގެން ކޯޓަށް އެ މައްސަލަ ހުށަހަޅައި، ކޯޓުން އެ ފައިސާ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ކޮށްފައިވާ ހުކުމާ އެެއްގޮތަށް ސިނާން ފައިސާ ނުދައްކާތީ އެވެ.
ސިނާން މި ފެސިލިޓީ އަށް ފައިސާ ދައްކަމުން ނުގެންދާތީ އެމްއައިބީން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.
އެ ކޯޓުން އެ މައްސަލަ ބައްލަވާފައި ވަނީ އެކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާއިންނެވެ.
މިމައްސަލަ ބައްލަވައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރެއްވީ 14 އޮކްޓޯބަރު 2024 އެވެ. އެ ކޯޓުން ބެލި މައްސަލައިގައި ހުކުމް ކުރެއްވީ، އެ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކަށް މިހާތަނަށް ދައްކަން ޖެހޭ ކަމަށް ސާބިތުވާ 2,520,222.98ރ. 14 އޮކްޓޯބަރު 2024 ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން އަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަމުން ގޮސް މިފައިސާ ދައްކައި ނިންމުމަށެވެ. އެހެން ނަމަވެސް، ސިނާން ހުކުމުގައި ބުނެފައިވާ ގޮތަށް އިސްލާމިކް ބޭންކަށް މި ފައިސާ ދައްކާފައި ނުވެ އެވެ.
އެހެން ކަމުން އެ މައްސަލައިގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެންބަރު، ސ. ހިތަދޫ ހުޅުދޫއާގެ، ސިނާން އަކީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެއް ކަމަށް މައްސަލައިގައި ވަނީ ބަޔާންކޮށްފަ އެވެ.