ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހުމާން ސަލާހު ރަޝީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޒާހިދު އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ސަލާހު އައްޔަންކުރަން ފެންނަކަމަށް ވޯޓުދިނީ 69 މެންބަރުންނެވެ.
ރައީސަކަށް ހުންނަވާ ބޭފުޅަކަށް ނުފޫޒު ފޯރުވޭ ގޮތަށް އީސީގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އާ އިސްލާހުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ޒާހިދު އަދި ނައިބު ރައީސަކަށް ސަލާހު އައްޔަން ކުރަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ނިންމީ އެ ދެ މަގާމަށް އެބޭފުޅުން އައްޔަންކުރުމަށް ފެންނަ ކަމަށެވެ.
ޒާހިދާއި ސަލާހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އައްޔަން ކުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.