މާލޭ ސިޓީ ކައުންސިލުން މަސްދަޅު ކޭސްތައް ބެހުން ސަރުކާރުން ހުއްޓުވީ މާލޭގެ މޭޔަރު އާދަމް އާޒިމް ޕްރޮމޯޓް ވެދާނެތީ ކަމަށް އެ ކަައުންސިލްގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ރޯދަމަހާ ދިމާކޮށް ގޮންމެ ގެއަކަށް ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސް މާލޭގެ އެކި ސަރަހައްދުތަކުން ބަހަން ނިންމައި އެސްޓީއޯއިން އެކަން އިއުލާންކުރި އެވެ. އޭގެތެރޭގައި ތައިސޭކޮށީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި ވެސް ހިމެނެ އެވެ.
އެތަނުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އައި މަސައްކަތް މޭޔަރު އާދަމް އާޒިމް ރޭ ވަނީ ބައްލަވާލައްވާފަ އެވެ.
މަސްދަޅު ކޭސް ބެހުމުގެ ތައްޔާރިތައް އާޒިމް ބައްލަވާލައްވާ ފޮޓޯތައް ސިޓީ ކައުންސިލުން އެކްސްގައި އާންމުކުރުމުން ކުއްލިގޮތަކަށް ސަރުކާރުން ވަނީ އެ ކައުންސިލަށް މަސްދަޅު ކޭސް ބަހަން ފުރުސަތު ނުދޭން ނިންމާފައިވާކަން އަންގާފަ އެވެ.
މާލޭ ސިޓީގެ ކައުންސިލަރަކު "ހުރިހާ"އަށް ވިދާޅުވީ ސަރުކާރުން އެ ނިންމުން ނިންމީ މަސްދަޅު ކޭސްތައް މާލޭގެ ރައްޔިތުންނަށް ބެހުމުގެ ކްރެޑިޓް މޭޔަރު އާޒިމަށް ލިބިދާނެ ކަމަށް ހީކޮށް ކަމަށެވެ.
"ކީއްކުރަންތޯ އަޅުގަނޑުމެން ބައިބައިވާންވީ. މިއީ ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން ތައްޔާރުކޮށްގެން ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ މަސްދަޅު ކޭސްތަކެއް. މިއީ ރައީސް މުއިއްޒު ނޫނީ މޭޔަރު އާޒިމް ޕްރޮމޯޓްކުރާ ވާހަކަ ދައްކަންޖެހޭ ދަނޑިވަޅެއްތޯ،" އެ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައިސޭކޮށީގައި މަސްދަޅު ކޭސްތައް ބަހާކަން ދުރާލައި އިއުލާންކުރުމަށްފަހު މިފަދަ ކަމެއް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
"މޭޔަރު އާޒިމް ބޭނުންވަނީ ޕްރޮމޯޓްވާކަށް ނޫން. ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްދޭން ބޭނުންވަނީ. އިތުރު އެއްވެސް ނިޔަތެއް މޭޔަރުގެ ނެތް،" އޭނާ ވިދާޅުވި އެވެ.