ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލަށް ޕީއެންސީގެ ގިނަ މެންބަރުން ދެކޮޅު ހަދައިފި އެވެ.
އެ ބިލާ ގުޅޭގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް މިއަދު ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެ ބިލާ އެއްކޮޅަށް ވާހަކަދެއްކެވީ އެންމެ ފަސް މެންބަރުން ކަމަށް "ހުރިހާ"އާ ވާހަކަދެއްކި ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.
އެއީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި ޕީޖީގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
އޭނާ ވިދާޅުވީ ފަލާހު މިއަދު އުޅުއްވީ މެންބަރުން "ބޮލަށް ޗިޕް ޖަހައިގެން" އެ ބިލް ފާސްކުރަން އެއްބަސްކުރުވޭތޯ ކަމަށެވެ. ނަމަވެސް ފަލާހުގެ ވާހަކަތަކަށް ގިނަ މެންބަރުން ދެކޮޅު ހެއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަލާހު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި މެންބަރުން އެއްބަސްކުރުވަން. އެކަމަކު އަދި އެކަން ކާމިޔާބެއް ނުވޭ." އެ މެންބަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީން ކަނޑާލިޔަސް އެ ބިލަށް ތާއީދު ކުރެވެން ނެތް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވި ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
މެންބަރުން އެއްބަސްނުވުމުން ފަލާހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާނަމަ އެ ބިލް ފާސްކުރަން ވޯޓު ދެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ގިނަ މެންބަރުން ވިދާޅުވީ ރައީސް މުއިއްޒު ބޭނުންވާނަމަ އެކަން ކުރެވިދާނެ ކަމަށެވެ.