ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ސުވާލު އުފައްދަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓްތަކުގެ ގާނޫނު އިސްލާހުކުރަން ޖުޑިޝަރީ ކޮމިޓީން ވަނީ މިއަދު ހަވީރު ފާސްކޮށްފަ އެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރިފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަގާމުން ވަކިކުރެވިދާނެތޯ ސުވާލު އުފައްދަވާފަ އެވެ.\

ފިލްޒާ އެފަދައިން ސުވާލު އުފެއްދެވުމުން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް އަލުން ވަނީ ފަށާފަ އެވެ.

ޖުޑީޝަރީއަށް ފޮނުއްވި ލިޔުމުގައި ފިލްޒާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދަނީސް ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އިންސާފުވެރި ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ އެ ބޭފުޅުއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމުގައި އެ ކޮމިޝަނުގައި ގާނޫނުގައި ބަޔާންކޮށްފައި އޮތުން ކަމަށް ފިލްޒާ ވިދާޅުވި އެވެ.

ފިލްޒާ ވިދާޅުވީ އަލަށް ގެނެވޭ އިސްލާހުގެ ދަށުން ގާބިލުކަން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭން ޖެހޭނެ ކަމަށް ބިލުގައި އޮތް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.