ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވަކިން ހާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައި ވެސް ގަދަވާނެ ކަމަށެވެ.
މެޓު އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ އިއްޔެއިން ފެށިގެން ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 5:00 އަށެވެ.
މެޓް އޮފީހުން ބުނީ މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއާއި އެއާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އަދި މާދަމާއިން ފެށިގެން މޫސުން އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.