މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.5 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 214،000 ޓޫރިސްޓުންނެވެ. މިދިިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް އައިސްފައި ވަނީ 217،000 ޓޫރިސްޓުން ކަމަށް ވާއިރު މި އަހަރުގެ އެ މުއްދަތަށް ބަލައިފި ނަމަ 1.5 ޕަސެންޓު ވަނީ ދަށްވެފަ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ.
ފެބުރުއަރީ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް:
- އިނގިރޭސިވިލާތުން : 23،210 ޓޫރިސްޓުން
- ޗައިނާ: 21،928 ޓޫރިސްޓުން
- ރަޝިއާ: 20،649 ޓޫރިސްޓުން
- އިޓަލީ: 19،120 ޓޫރިސްޓުން
މިދިޔަ މަހު ރާއްޖެ އަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ 16 ވަނަ ދުވަހު އެވެ. އެދުވަހު އެކަނި 9،518 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރި ދުވަހެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް ވަނީ 7،646 ޓޫރިސްޓުން އައިސްފަ އެވެ.
ޖުމްލަ އަދަދުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް ވަނީ 60،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އަދި ކުޑަ ތަފާތަކާއެކު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ.