މާލޭގައި ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕްގެ އާލަތްތައް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މާލޭގައި ގަވައިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މާލޭގައި ރޭ ހިންގި މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަނގްލަދޭޝްގެ އެމްޑީ އަބޫ ސުފްޔާން 27، ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ހެލްތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ދެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވޭފްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އާލަތްތައް އަތުލައިގަނެފައިވާއިރު، ރާއްޖެއަށް ވޭޕު އެތެރެކުރުމާއި ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި އޭގެ ވިޔަފާރި ކުރުން 2024 ވަނަ އަހަރުގެ ފަހުކޮޅު ވަނީ މަނާކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވުނު އިސްލާހާ ގުޅިގެން، ފުލުހުންއެ ގާނޫނު ތަންފީޒު ކުރުމުގައި އަމަލުކުރަމުން ގެންދާނެ ގޮތާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި، ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ އެވެ.
ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި، ވޭޕް ބޭނުންކޮށްފިނަމަ 5000ރ. އިން ޖޫރިމަނާ ކުރާއިރު، ވޭޕް ވިއްކާ ކޮންމެ މީހަކު 20،000ރ. ޖޫރިމަނާ ކުރާނެ އެވެ. އަދި ވޭޕް ވިއްކާ ކޮންމެ ވޭޕަކަށް 10،000ރ. ޖޫރިމަނާ ކުރާއިރު، ހިލޭ ވެސް ވޭޕެއް ދީފިނަމަ ވެސް 10،000ރ. ޖޫރިމަނާ ކުރާގޮތަށް ވޭޕްގެ ގާނޫނުގައިވެ އެވެ.