މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ޗާޕުކުރުމާ ދެކޮޅު ހެއްދެވުމުން، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.
އިމާދު ވަކިކުރަން ހުށަހަޅާފައި މިވަނީ އެޗްޑީސީން އެމްއެމްއޭއަށް ބިމެއް ގަތުމުގެ ނަމުގައި 15 ބިލިއަން ރުފިޔާ ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ޗާޕްކުރަން އުޅޭކަމަށް ބުނާ ހަބަރު އާންމުވެފައި ވަނިކޮށެވެ.
އެ ގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. ދެ މެންބަރުންނަކީ ވެސް ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރުންނެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު ޑެޕިއުޓީ ގަވަރުނަރު ވަކިކުރާ މައްސަލަ ތަޅުމަށް ހުށަހަޅަން ވަނީ ފާސްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފައިސާ ޗާޕްކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ނިންމުން ރިވިއު ކުރުމަށް އެ ބޯޑުގެ ތިން ޑިރެކްޓަރުން ހުށަހެޅުއްވި އިރު، އިމާދުވެސް ހިމެނެ އެވެ.
އިމާދުގެ އިތުރުން ނިންމުން ރިވިއުކުރަން ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރައްވައި އެ އިދާރާގެ އިކޮނޮމިސްޓް އަހުމަދު ޒަޔާން މުހައްމަދު އާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޯޑުގައި އިންނަވާ ޝަހުދު އިބްރާހިމް އެވެ.
އެ ދެބޭފުޅުންވެސް ވަނީ މިހާރު ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.