ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު މިމަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މީހަކު ހޯދަން ދެވަނަ ފަހަރަށް ޖޭއެސްސީން އިއުލާން ކުރީ، ފުރަތަމަ ފަހަރު އިއުލާންކޮށްގެން ކުރިމަތިލީ އެންމެ މީހެއް ކަމަށްވާތީ އެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.

Adv by Coca Cola
Coca Cola
Adv by Dhiraagu
Dhiraagu

ދެވަނަ ފަހަރަށް އިއުލާން ކުރުމުން ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދުއާއެކު ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވި އެވެ.

ދެވަނަ ފަހަރަށް ހުޅުވައިލި ފުރުސަތުގެ ސުންގަޑި މިއަދުގެ ހެނދުނު 10 ޖެހިއިރު ވަނީ ހަމަވެފަ އެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިޔުކުރުން މިރޭ އޮންނާނެ އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމް ވެސް ފުރުއްވާފަ އެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.