އެކި ތަންތަނުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން މި އަހަރުގެ މިހާތަނަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 2.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަކުރި 792.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 1.49 ބިލިއަން ރުފިޔާ، ނުވަތަ 188.5 ޕަސެންޓް އިތުރުވުމެކެވެ.
މި އަހަރުގެ ބަޖެޓުގައި ލޯނުތައް ދެއްކުމަށް ކަނޑައަޅާފައިވަނީ 3.8 ބިލިއަން ރުފިޔާ އެވެ.
ލޯނު ދެއްކުމަށް ކުރި ހޭދަ އިތުރުވި ނަމަވެސް ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ މި އަހަރު ދަށަށް ގޮސްފަ އެވެ.
ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު މި އަހަރު 5.7 ބިލިއަން ރުފިޔާގައި ހުރިއިރު މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 7.4 ބިލިއަން ރުފިޔާގަ އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 2.4 ބިލިއަން ރުފިޔާ، އިދާރީ އަދި ހިންގުމުގެ ހަރަދަށް 2.9 ބިލިއަން ރުފިޔާގަ މި އަހަރު ހޭދަކޮށްފައިވެ އެވެ. ކެޕިޓަލް ހަރަދު މި އަހަރު ހުރީ 394.6 މިލިއަން ރުފިޔާގަ އެވެ.
އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 7.19 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 7.16 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން މިއަހަރު ލޯނު ދެއްކުމަށް ގާތްގަނޑަށް 600 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެ އެވެ. މީގެ ކުރިން އަހަރަކު އެވްރެޖްކޮށް ލޯނުތަކަށް ދައްކަނީ 400 މިލިއަނެއްހާ ޑޮލަރެވެ.