ރައީސް ޑރ. މުހައްމަދު މުއިއްޒު އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ބިރުދައްކައި އިންޒާރުދިން މައްސަލަ އަވަހަށް ތަހުގީގު ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން އެފަދަ އަމަލެއް ފެނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ބިރުދައްކައި އިންޒާރުދީފައި ވަނީ ރޭ 19:04 ހާއިރު ފޯނުން ގުޅުއްވައި ކަމަށް އެ ނޫހުން ބުންޏެވެ.
އެމްޖޭއޭގެ ބަޔާނުގައި ވަނީ އެކަމަކީ އަދަދު ނޫހުގެ ނޫސްވެރިން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ ނޫހެއްގައި ލިޔާ ލިޔުމަކާ ގުޅިގެން ހިތްހަމަނުޖެހޭނަމަ، އެކަން ކުރަންޖެހޭ ގޮތަކީ ކަމާ ބެހޭ މުއައްސަސާއަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދިޔުން ކަމަށެވެ. އަދި އެއީ އެ ޖަމިއްޔާއިން އަބަދުވެސް ބާރުއަޅާ ގޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކަންއެހެންއޮތްއިރު، އެ ނޫންގޮތަކަށް ނޫސްވެރިންނަށް ބިރުދެއްކުން އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.
އެ މައްސަލަ ވީހާވެސް އަވަހަކަށް އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.
މީގެއިތުރުން އަދަދު ނޫހުގެ ނޫސްވެރިންނަށް އެކިފަހަރުމަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެކަންކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.