ރައްޔިތުންގެ މަޖިލީހާއި މަޖިލިސް ރައީސް ކޮންޓްރޯލް ކުރައްވަނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރަކު ތުހުމަތު ކުރެއްވުމުން އަބްދުއްރަހީމް އެކަން ދޮގު ކުރައްވައިފި އެވެ.
މަޖިލީހުގައި ކުރިއަށްދިޔަ ކޮމެޓީ ރިޕޯޓެއްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަމުން ވިދާޅުވީ މި މަޖިލީހަކީ މިހާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގައި ހިނގާ އަދި ވަކިން ހާއްސަކޮށް މަޖިލީހުގެ ރައީސަކީ ރައީސްގެ ކޮންޓްރޯލްގައި އިންނެވި ބޭފުޅެއް ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލިސް ހިންގަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި މިއީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެގެން މަސައްކަތް ކުރެވޭ ގޮތަށް އޮތް ނިޒާމެއް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮންޓްރޯލް އޮތް ގޮތަށާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިން މީހަކު ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލްކުރާ ކަމަށް ތި ވިދާޅުވި ވިދާޅުވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ވިދާޅުވުމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަޖިލީހަށް ނުފޫޒު ނުފޯރުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިނަމަވެސް، މި ސަރުކާރުން ވަނީ މަޖިލީހުގެ ސްޕަމެޖޯރިޓީ ބޭނުންކޮށްގެން ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ ޕާޓީ ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ. މިކަމުގެ ސަބަބުން މެންބަރުން މިނިވަން ކަމާއެކު މަޖިލީހުގައި ބަސްބުނުމާއި ގޮތް ނިންމުމަށް ވަނީ ހުރަސްއެޅިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަރުއީ ދާއިރާއަށްވެސް ރައީސް މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.