ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯ އިން ބެޓެރި ސްކޫޓަރު ގެނެސް ވިއްކަން ފަށަން ނިންމައިފި އެވެ.
ސްޓެލްކޯ އިން ބެޓެރި ސްކޫޓަރު ގެނެސް ވިއްކަން ފެށުމުގެ ގޮތުން ގެނައި ފުރަތަމަ ޝިޕްމަންޓްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ މީޑިއާ އޮފިޝަލެއް ކަމަށްވާ އަހުމަދު މުހައްމަދު (އޭޑީ) މިއަދު ވިދާޅުވީ ބެޓެރި ސްކޫޓަރުތައް ގެނައި ވިއްކަން ކަމެއް އެނގިފައިނުވާ ކަމަށެވެ. އަދި އެއީ ވިއްކަން ގެނައި އެއްޗެއްތޯ ޖެހޭނީ ބަލައިލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓައިވާނުގެ ބްރޭންޑެއް ކަމަށްވާ "ގޮގޮރޯ" ބްރޭންޑްގެ 56 ބެޓެރީ ސައިކަލް ގެންނަން 370،000 ވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ސްޓެލްކޯ އިން އަލަށް ގެނައި ބެޓެރީ ސްކޫޓަރުގެ މުއާމަލާތާ ގުޅޭ ޑޮކިއުމަންޓްތައް ސޯޝަލް މީޑިއާއަށް ވަނީ ލީކުވެފަ އެވެ. މިކަމާ ގުޅިގެން އެތަކެތި ލީކުވި ސަބަބު ދެނެގަތުމަށް އެތެރޭގެ ތަހުގީގެއް ކުރަމުންދާ ކަމަށް އެނގިފައިވެ އެވެ.
ސްޓެލްކޯ އިން ބެޓެރީ ސްކޫޓަރުތަކެއް އެތެރެކޮށް ވިއްކަން ފެށީ މަޖިލީހުގެ ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަރީފުއާ ގުޅިގެން ކަމަށް ވެސް ސޯޝަލް މީޑިއާގައި ވާހަކަދެކެވެ އެވެ. މިކަމުގައި އޭނާއެކު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ބައެއް އިސްވެރިން ވެސް ބައިވެރިވާ ކަމަށް ވާހަކަދެކެވެ އެވެ.