ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ، ބާޒީގެ ހުސައިން ޝަހީދު މިއަދު ހަވީރު އައްޔަންކުރައްވައިފި އެވެ.

‎މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ޝަހީދާ ހަވާލުކުރައްވާފަ އެވެ.

‎ފަނޑިޔާރު ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ. ހަމައެއާއެކު ޝަހީދު ވަނީ މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލުކުރައްވާފަ އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުޅުވާލީ ސަރުކާރުން ޕްރެޝާކޮށްގެން ޖޭއެސްސީން ސުލޫކީ މައްސަލައެއް ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހުސްނުއް ސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެގޮތުން، އެ މަގާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލުމުން ކުރުމަތިލައްވާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީކަން ކުރިން ކުރައްވާފައިވާ މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ. ނަމަވެސް ސަރުކާރުން ނިންމީ ޝަހީދުގެ ނަން މަޖިލީހަށް ހުށަހެޅުމަށެވެ.