ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުގެ އިސް ދެ މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، އެވެ.
އެ މައްސަލައިގެ ތަފްސީލް ހިމެނޭ ބަޔާނެއް ޕީޖީ އޮފީހުން މިއަދު ވަނީ ނެރެފަ އެވެ. އެ ބަޔާނުގައިވާގޮތުން އެ ނެޓްވޯކްގެ އެންމެ އިސް މީހަކީ އާޒިމެވެ.
އޭނާ އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ގާއިމްކުރި ނެޓްވޯކުން އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށެވެ. އަދި "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށް އެނގެން އޮންނަ ކަމަށް އެ ބަޔާނުގައިވެ އެވެ. ހަމައެހެންމެ ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ.
އާޒިމްގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި، 2019 އިން ފެށިގެން އޮގަސްޓް، 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނިއުޝާދުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި، 2019 އިން ފެށިގެން އޮގަސްޓް، 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން ޕީޖީން އެދިފައި ވަނީ 1.1 މިލިއަން ރުފިޔާ އާއި ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި ކަނޑުގެ އުޅަނދަކާއި 29 ސަންކޮނުއާ ގުރާ އަދި ނުވަ ރިންގްނެކް ގުރާ ވެސް ދައުލަތަށް ނަގައި ދިނުމަށެވެ.
ފުވައްމުލަކުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. ނިއުޝާދާއި އާޒިމަށް ތުހުމަތު ކުރަނީ އެ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތެވެ.