މި ރަމަޟާން މަހު ވެސް ފަސޭހަކަމާ ރައްކާތެރިކަމާއެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފި އެވެ.
މުއާސަލާތީ އެންމެ ބޮޑު ކުންފުނިން ބުނީ ދިރާގުޕޭ އެޕް ޑައުންލޯޑް ކުރުމަށްފަހު، ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށްފަހު ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ ކަމަށެވެ.
ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ. އަދި، ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަމަޟާން މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
ރަމަޟާން މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތީ، މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފްކޮށްފަ އެވެ.