ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ސުލޫކީ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލާގައި ވަނީ ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ 11:00އަށް ތާވަލްކޮށްފައި ވަނިކޮށް، ރަސްމީ މަސައްކަތް ދޫކޮށް ޓެކްސީ ޑްރައިވަރަކަށް ވެގެން އެއާޕޯޓަށް މީހުން އުފުލުމަށް އެ ދުވަހުގެ އަޑުއެހުން ލަސްކުރުމަށް ކޯޓުން ބޭރުގައި އުޅެފައިވާ ކަމަށެވެ.
ފަނޑިޔާރަކު އަޑުއެހުމަކަށް ހާޒިރުވުން ލަސްވާނަމަ، އެކަމެއް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންނާ ހިއްސާކުރާއިރު، އެ ދުވަހު އަލީ ރަޝީދު އެކަން ހިއްސާ ނުކުރާ ކަމަށް އެ މައްސަލާގައިވެ އެވެ.
އެ ދުވަހުގެ އަޑުއެހުން ބާއްވަން ތައްޔާރުވިއިރު، އަލީ ރަޝީދު ކޯޓުގައި ނެތް ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
އެނގިފައިވާގޮތުގައި މި މައްސަލަ ނުބަލަން ޖޭއެސްސީން މިހާރު ވަނީ ނިންމާފަ އެވެ. ޝަރުއީ ދާއިރާގެ އޮފިޝަލަކު "ހުރިހާ"އަށް ކިޔައިދިން ގޮތުގައި އެ މައްސަލަ ނުބަލަން ނިންމީ ސުޕްރީމް ކޯޓުގައި މަރުތަޅު އަޅުވަން ސަރުކާރަށް އެއްބާރުލުން ދިނުމުގެ އިނާޔަތެއްގެ ގޮތުން އެ މައްސަލަ ނުބަލަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް އަލީ ރަޝީދު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް އެބައޮތެވެ. ސަރުކާރާއެކު އޭނާ ހަދާފައިވާ ޑީލަކީ އެ މައްސަލަ ވެސް ނުބެލުމުގެ މުގާބިލުގައި ސަރުކާރުން އެދޭ ކަންކަން ކޮށްދިނުމެވެ.
ހުރިހާ މިނިވަން މުއައްސަސާއެއް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު މިހާރު އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޝަރުއީ ދާއިރާ އަމިއްލަ މުށުތެރެއަށްލުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުހައްގުން ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒަށް އެހީތެރިވެދެނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ.