އިންޓަމިޓެންޓް ފާސްޓިންއަކީ މިހާރަކަށް އައިސް އަހަރުމެންގެ ތެރޭގައި ވަރަށް މަގުބޫލު ޑައިޓެކެވެ. އެއީ ދުވާލުގެ ވަކި ވަގުތަކަށް ކެއިންބުއިމަށް ބަދަލު ގެނައުމެވެ. ބަލާބެލުމަށް އެއީ ރަމަޟާން މަހުގެ ރޯދައާ ވަރަށް އެއްގޮތް ކަމެއް ކަަމަށް ހީވެދާނެ އެވެ.

އެހެން ނަމަވެސް ހަގީގަތުގައި ރަމަޟާން މަހުގެ ރޯދައާއި އިންޓެމިޓެންޓް ފާސްޓިންއަކީ މުޅިން ތަފާތު ދެ ކަމެކެވެ. އެ ދެކަމުގައި ބޭނުންކުރެވޭ އުސޫލުތައް ވަރަށް ތަފާތެވެ.

ރޯދަ ހިފުމާއި އިންޓަމިޓެންޓް ފާސްޓިންއާ ދެމެދު ފާހަގަކުރެވޭ އެންމެ މައިގަނޑު އެއް ތަފާތަކީ ދިޔާ ތަކެތި ބޭނުން ކުރުމެވެ. ރޯދަ ހިފާއިރު ކެއުމާއި ބުއިމުން ވެސް އެކަހެރިވާއިރު އިންޓަމިޓެންޓް ފާސްޓިންގައި ހަކުރު ނާޅާ ދިޔާ ތަކެތި ބުއިމުގެ އިހުތިޔާރު އޮވެ އެވެ.

އެއާއެކު ދެން ފާހަގަ ކޮށްލަން ޖެހެނީ ރޯދައަށް ހުންނަ ވަގުތެވެ. ރަމަޟާން މަހުގެ ރޯދައަށް ހުންނަން ޖެހޭ ވަގުތު ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމަށް ދާންދެން ކަނޑައެޅިފައި އޮންނައިރު އިންޓަމިޓެންޓް ފާސްޓިންއަކީ ނުކައި ހުންނަން އެމީހަކަށް ފަސޭހަ ވަގުތެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނަ ކަމެކެވެ.

މީގެ އިތުރުން ވެސް ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އިންޓެމިޓެންޓް ފާސްޓިންއާ ހިލާފަށް ނަފްސާނީ އަދި ރޫހާނީ ފައިދާތައް ގިނަ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

ކަން މިހެން އޮތް ނަމަވެސް މިދެކަމަކީ ވެސް ޖުމްލަކޮށް އިންސާނާގެ ޖިސްމާނީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ދެ ކަމެވެ.