މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ މައްސަލަތައް ބޮޑުވެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައިވަނިކޮށް، އެ ތަނުގެ ކޯޑިނޭޓަރަކަށް ހުންނެވި ފައިސަލް އިބްރާހީމް އެ މަގާމުން ވަކިކޮށްފި އެވެ.
އެމްބީއެސްއިން ހިންގާ ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ދައްވުމާއި ލޭއަޅާ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރަމުންދިއުމާ ގުޅިގެން ތެލަސީމިއާއަށް ފަރުވާ ހޯދާ މީހުންނާއި އެމީހުންގެ އާއިލާތަކުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އެމްބީއެސްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން އެ ތަނުގެ މެނޭޖުމަންޓާ ވަނީ ބައްދަލުކޮށްފަ އެވެ.
ނަމަވެސް ބައްދަލުވުމުގައި މެނޭޖްމަންޓްގެ ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެން އެ ރޭ ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާ ކުރަން ފެށުމުން އެތަނުގެ އިސްވެރިން ވަނީ ބައްދަލުވުން ދޫކޮށް ވަޑައިގެންފަ އެވެ.
ރައްޔިތުންގެ ކަނބޮޑުވުންތަކާއެކު، ރައީސް މުހައްމަދު މުއިއްޒު ވަނީ އަނެއް ދުވަހު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަނުގައި ހުރި މައްސަލަތަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.
އެމްބީއެސްގެ ހިނގުމަށް ބަދަލުތަކެއް ގެންނެވުމަށް ފައްޓަވާފައިވާއިރު، ފައިސަލް އެމްބީއެސްއާ ގުޅުމެއް ނެތް މަގާމަކަށް ބަދަލުކޮށް، އެމްބީއެސްގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުރި އަހުސަން ހުސައިން ވެސް ވަނީ މަގާމުން ވަކިކޮށްފައިކަން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ.
އަދި އެމްބީއެސްގެ ޑިރެކްޓަރު ޖެނެރަލަކަށް ކުރިން އައިޖީއެމްއެޗްގައި ވެސް މަސައްކަތްކުރައްވާފައި އަހްމަދު މައުސޫމް ހަމަޖައްސަވައި، ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށާއި ޑިރެކްޓަރެއްގެ މަގާމަށް ބޭފުޅުން ހަމަޖައްސާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުންވެސް ތަނުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މުޒާހަރާ ކުރި ފަރާތްތަކުން ބުނަމުންދިޔައީ އެ ތަނުން ލިބެން ޖެހޭ ބޭސް ނުލިބި އަދި ލޭއަޅާއިރު ބޭނުންކުރާ ފިލްޓަރުތައް ހަލާކުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ޕެކެޓުތަކެއް އުކާލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުންވެސް ޕޭޝަންޓްގެ މެޑިކަލް ހިސްޓްރީ އެމްބީއެސްގައި ނެތުމާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރުން އަދި ދާއިމީ ފިޒީޝަނެއް އެމްބީއެސްގައި ނެތުމަކީ އެތަނުން ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ހުރި ކަންބޮޑުވުން ތަކެވެ.