ބަނޑުބޮޑުވެފައި ހުރެ ވެސް ބައެއް އަންހެނުން ބަލިވެއިނދެ ތިބޭކަން ނޭނގި ހުރެދާނެކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ސިއްހީ މާހިރުން ބުނެފައިވާ ގޮތުން، މިފަދައިން ބަލިވެއިނދެ ވިހެއުމާއި ހަމައަށް ވެސް ނޭނގި ހުރުމަކީ އެހާ މަދުން ހިނގައިދާ ކަމެއް ވެސް ނޫނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ 500 ބަލިވެއިނުމަކުން އެއް ބަލިވެއިނުމަކީ މުއްދަތުގެ ދެބައިކުޅަ އެއްބައި ވަންދެން ވެސް އެކަން ނޭނގި ހުންނަ ބަލިވެއިނުމެކެވެ. އަދި ކޮންމެ 2،500 ބަލިވެއިނުމަކުން އެއް ބަލިވެއިނުމަކީ ވިހެއުމުގެ ވޭން ފެށެންދެން ވެސް އެކަން ނޭނގި ހުންނަ ބަލިވެއިނުމެކެވެ.
މިފަދަ ހާލަތްތަކުގައި އަންހެނުންނަށް ބަލިވެއިނދެ ނޭނގި ހުންނަ ސަބަބުތަކުގެ ތެރޭގައި، ބަލިވެއިނދެ ތިބޭއިރު ވެސް ބައެއް އަންހެނުންނަށް ކުޑަކޮށް ލޭއައުން ނުވަތަ "ސްޕޮޓިން" ކުރިމަތިވުން ހިމެނެ އެވެ. ހާއްސަކޮށް ބަލިނުވުމުގެ ގުޅަ ނުވަތަ ހުރަސް ބޭނުންކުރާ އަންހެނުންނަށް މިކަން ދިމާވެދާނެ އެވެ.
މީގެ އިތުރުން، ބަލިވެއިނުމުގެ ހޯމޯން ކަމަށްވާ އެޗްސީޖީ (ހިއުމަން ކޮރިއޮނިކް ގޮނަޑޮޓްރޮޕިން) ގެ މިންވަރު ދަށްވުމުގެ ސަބަބުން، ބަލިވެއިނުމުގެ އަލާމާތްތައް ނުފެންނަ އަންހެނުން ވެސް ތިބެ އެވެ. މިފަދަ ހާލަތްތަކުގައި، ދަރިފުޅުގެ ސައިޒު ވެސް ކުޑަވުމުގެ ސަބަބުން ބަނޑުގެ ސައިޒު ބޮޑުވާ މިންވަރު ވެސް ކުޑަވެދާނެ އެވެ.
މިފަދަ ހާލަތްތަކުގައި ވެސް، އަވަހަށް ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެއް ކަމަށް ސިއްހީ ދާއިރާގެ މާހިރުން އިރުޝާދު ދެއްވައެވެ. އެއީ މަންމައާއި ދަރިފުޅުގެ ސިއްހަތަށް ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި އެ ފަރާތްތަކުން ފާހަގަކުރެއްވި އެވެ.