ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރު މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުވާފައި ވަނީ ސައީދާއި ފަނަކައިގެ އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދު، ހިންމިޔާ/ ރ. އުނގޫފާރުގެ މައްސަލަ އެވެ.
އެކަމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓް ފެނައިކައިން ގަނެފައި ވަނީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަދި ކުންފުންޏަށް ބޮޑު ގެއްލުމެއްވާގޮތަށް ކަމަށެވެ.
ފެނަކައިން 2023ގައި ބޭއްވި 18 ވަނަ ބޯޑު ބައްދަލުވުމުގައި އައިސްޕްލާންޓް ގަންނަން ނިންމާފައިވަނީ އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުން ހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ދަށް ޕްރޮޖެކްޓެއްކަން އެނގިތިބެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި މާމެންދޫގައި ބަހައްޓަން އައިސްޕްލާންޓެއް ގަންނަން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓްރީ އާއި ފެނަކައާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މާމެންދޫގައި އައިސްޕްލާންޓެއް ބެހެއްޓުމަށް ނިންމާފައި ވަނިކޮށެވެ.
ސައީދު އެކަންކޮށްފައި ވަނީ މިނިސްޓްރީއާއެކު ހަދާފައި އޮތް އެއްބަސްވުމުގެ ދަށުން ބަހައްޓާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެދާނެ ކަމަށް ވިދާޅުވެ އެ ކުންފުނީގެ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތު ދީގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސައީދުގެ މައްޗަށް މިހާތަނަށް އުފުލާފައި ވަނީ އެންމެ ދައުވާއެކެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.