ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ކުރިން ކުރި ތުހުމަތުގެ ބަދަލުގައި އެހެން ތުހުމަތެއް ހިމަނައިފި އެވެ.
އަޒްމިރަލްދާއަށް ކުރިން ތުހުމަތު ކުރީ އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށެވެ. އެ ތުހުމަތާ ގުޅިގެން ނުފޫޒު ފޯރުވި ކަމަށް ބުނާ ގާޒީ ސޮފްވަތު ހަބީބާ ތަހުގީގު ކޮމިޓީން ސުވާލުކުރުމުން އޭނާ ވަނީ އެއްވެސް ގާޒީއަކު އޭނާއަށް ގުޅައި އެ މައްސަލައަށް ނުފޫރު ނުފޯރުވާ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީއާ ސުވާލު ކުރުމުން ވެސް ވިދާޅުވީ އެއްވެސް އެ މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.
އެ މައްސަލާގައި ޖަވާބުދާރީވަމުން ވެސް އަޒްމިރަލްދާ ވަނީ ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް އޭނާ ނުފޫޒުފޯރުވާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކަންއެހެންހުރި އިރު، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަޒްމިރަލްދާއަށް ފޮނުވިއިރު، އޭގައި އޮތީ އެހެން ވާހަކައެކެވެ. އެ ރިޕޯޓްގައި އޮތީ ސުޕްރީމް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު މެދުވެރިކޮށް އެ މައްސަލައަށް ނުފޫޒުފޯރުވަން އަޒްމިރަލްދާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މަހާޒާ ސުވާލު ކުރުމުން ވެސް ދެއްވި ޖަވާބަކީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވާފައިނުވާނެ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ޒައްރެއްގެ މިންވަރުގެ ހެއްކެއް ވެސް އަދި ގަރީނާއެއް ވެސް ނެތްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވެސް ސާފުވާނެ އެވެ.
އަޒްމިރަލްދާ ނުފޫޒުފޯރުވަން މަސައްކަތް ކުރި ކަމަށް ކުއްލި ގޮތަކަށް ތުހުމަތު ކުރަންޖެހުނު ސަބަބެއް ވެސް ނޭނގުނެވެ.
އެއްވެސް ހެއްކެއްތި މި މައްސަލާގައި އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އިސްވެ ހުންނަވައިގެންނެވެ.
މި މައްސަލަ ބަލާ ތަހުގީގު ކޮމިޓީގައި ރައީސް މުއިއްޒުގެ މެންބަރު ޔަޒްމީދުގެ އިތުރުން ދެން ތިއްބަވަނީ ޔަޒްމީދުގެ ރަށް ކަމަށްވާ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އަލީ އަބްދުއްލަތީފާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ. ޔަޒްމީދު ވަނީ އެ ދެ ބޭފުޅުން ވެސް ކޮންޓްރޯލްކޮށްފަ އެވެ.
އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން ވޯޓް ދިނުމަށް ސިވިލްސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހުއަށް ވެސް ވަނީ ބިރުދައްކާފަ އެވެ. ދެއްކި ބިރަކީ އެގޮތަށް ވޯޓު ނުދެއްވައިފިނަމަ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމުގެ ބިރެވެ.
ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު މިހާރު އެމަނިކުފާނު އެ އުޅުއްވަނީ މުޅި ޝަރުއީ ދާއިރާ އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ. އެއަށްފަހު ފަސޭހައިން ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ރިޔާސީ އިންތިޚާބުގެ ވޯޓް ލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެމަނިކުފާނު މިހާރު ވަނީ ފައްޓަވާފަ އެވެ.