އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްކަމުން މުހައްމަދު ޝަމްއާން ވަހީދު ވަކިކުރީ ހޯމް މިނިސްޓަރު އަލީ އިހްސާންގެ ވީޑިއޯއެއް އޭނާގެ އަތުގައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފި އެވެ.

ޝަމްއާންގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ވަކިކުރީ އިހްސާނާ ގުޅުން އޮންނަ ބިދޭސީއެއް ހައްޔަރުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އިހްސާން ހިންގަވާ ކޮރަޕްޝަންގެ އަމަލުތަކުގައި އެ ބިދޭސީ މީހާ ބައިވެރިވާ ކަމަށް ވެސް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ޝަމްއާން ހައްޔަރުކުރީ އިހްސާންގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލާނެ ކަމުގެ ބިރަށް ކަމަށެވެ.

"މި ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދަށް ގެނެވުމުން މިނިސްޓަރު އިހުސާން ޝަމްއާންއަށް ގުޅައި، އެ ބިދޭސީ މީހާގެ ފޯނު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި ފުލުހަކާ ހަވާލު ކުރުމަށް އަންގާފައިވެއެވެ. އެހެންނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެކަން ކުރުމަށް ދެންނެވުމުން ކަމަށް ޝަމްއާން ދެންނެވުމުން، އަޑުގަދަކޮށް ހަޅޭލެވުމަށްފަހު [އިހުސާން] ފޯނު ބޭއްވިއެވެ،" ޝަމްއާންގެ އާއިލާއިން ނެރުނު ބަޔާނުގައިވެ އެވެ.

އާއިލާއިން ބުނީ ޝަމްއާން ހައްޔަރުކޮށްފައި ވަނީ ސައްހަ ނޫން ހެކިތަކެއް ވުޖޫދުކޮށްގެން ކަމަށެވެ. އަދި ޝަމްއާނާ މެދު އިހްސާންގެ ޒާތީ ހަސަދަވެރިކަމެއް އޮންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހަށް އެންމެ ފަހުން މިނިސްޓަރު އިހުސާން ހާޒިރުކޮށް ޝަމްއާންގެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން "އެމީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން" މިފަދައިން ބުނެ ނުސީދާކޮށް ޝަމްއާންއަށް ނިސްބަތްކޮށް ބަދު ބަހުން މިނިސްޓަރު ވާހަކަ ދެއްކުމަކީ ވެސް ޝަމްއާންއާ ދޭތެރޭގައި މިނިސްޓަރު އިހުސާންގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން މުޅި ދިވެހިރާއްޖެއަށް ހާމަވެގެންދިޔަ ކަމެކެވެ.،" ޝަމްއާންގެ އާއިލާއިން ނެރުނު ބަޔާނުގައިވެ އެވެ.