ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި ނިންމުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
މިދިޔަ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އޭނާ ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ޝަމްއާންގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރާއިރު, އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޝަމްއާންގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ފްރޭމް ކުރުމުގެ ގޮތުން ރާވައިގެންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހޯމް މިނިސްޓަރު އަލީ އިހްސާނަށް ބައެއް ތުހުމަތުތައް އާއިލާއިން ކުރެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އޭރު ހައްޔަރުކުރި ނަމަވެސް އެމީހުންނާ މެދު އަމަލުކުރި ގޮތެއް ފަހުން ފުލުހުން ނުބުނެ އެވެ.