މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑަށް ސަރުކާރުގެ ފަރާތުން ދެ ސްޓޭޓް މިނިސްޓަރުން ހަމަޖައްސައިފި އެވެ.
އެމްއެމްއޭއަށް ސްޓޭޓް މިނިސްޓަރުން ހަމަޖައްސާފައި މިވަނީ އެ ބޯޑުގައި ތިއްބެވި ދެ ބޭފުޅަކު މިދިޔަ މާޗް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންގެނެވެ.
ބޯޑަށް އަލަށް ހަމަޖައްސާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު އާއި ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ.
އެމްއެމްއޭގެ ބޯޑަށް އާ ބޭފުޅުން ހަމަޖެއްސި ތާރީހު ސާފެއް ނުވެ އެވެ. ބޯޑަށް މެންބަރުން ހަމަޖެއްސިކަން އެނގެންހުރީ އެމްއެމްއޭގެ ވެބްސައިޓުންނެވެ.
އެމްއެމްއޭއިން 14 ބިލިއަށް ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ ނަމުގައި ސަރުކާރަށް ފައިސާ ހޯދަން އުޅޭކަމުގެ ތުހުމަތުތަކެއް މާޗް މަހުގެ ތެރޭގައި ކުރެވިފައިވަނިކޮށް އިސްތިއުފާ ދީފައިވަނީ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް، މުހައްމަދު ޒަޔާން އަހުމަދު އާއި އިކޮނޮމިކް މިނިސްޓްރީގެ ޝުހާދު އިބްރާހިމް އެވެ. އެ ދެބޭފުޅުންގެ އިތުރުން އެ މައްސަލައިގައި ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހުމަދު އިމާދު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނިކޮށް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަލަށް އައްޔަންކުރެވުނު ބޭފުޅުންގެ އިތުރުން އެމްއެމްއޭގެ ބޯޑުގައި މިހާރު ތިއްބެވީ:
- އަހުމަދު މުނައްވަރު - ގަވަރުނަރު
- އިދުހާމް ހުސެއިން - އެމްއެމްއޭގެ އެޑްވައިޒަރު
- ފާތިމަތު ޝަފީގާ - ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ
- މަހުޒޫމް ސަލީމް - ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ
އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން އެމްއެމްއޭގެ ބޯޑުގައި ތިއްބަވަން ޖެހެނީ ހަތް ބޭފުޅުންނެވެ.