ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައި، އެންމެ ޝަރަފުވެރި އެވޯޑު، ދިރާގުގެ ޗެއާޕާސަންސް އެވޯޑް ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށް ދީފި އެވެ.

ދިރާގުން އަންނަނީ މުވައްޒަފުން އެ ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހާއްސަ ހަފްލާއެއް ބާއްވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭގައި ބޭއްވި ހަފްލާގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ދިރާގުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވި ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ހަފްލާގައި ދިރާގަށް ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42 މުވައްޒަފުންނަށް ވެސް އެވޯޑް ހަވާލުކުރި ކަމަށް ދިރާގުން ބުނެ އެވެ. އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާޕާސަންސް އެވޯޑް ދިނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށެވެ. ޝަންމޫންއަކީ ދިރާގު ޓްރާންސްޕޯޓް ނެޓްވޯކްސް ޓީމްގެ މުހިންމު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުވައްޒަފެއް ކަމަށް އެ ދިރާގުން ބުނެ އެވެ. މިގޮތުން، ޝަންމޫން ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މިގޮތުން، ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އާ ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގައި، މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގްރޭގް މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރި، ސީމީވީ6 ލޭންޑްރޫޓް ގާއިމްކޮށް އަދި ބީޗް މޭންހޯލް އިމާރާތްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.