މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަގާމުން ތިބެގެން ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންްއެފް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ މިނިސްޓަރު އަމީން ތަހުގީގަށް ނުފޫޒު ފޯރުވިކަން ފާޅުކަން ބޮޑުކޮށް އެނގެން އޮތްއިރު، އޭނައާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް މުއިއްޒު ދެއްވި ޖަވާބުން ވެސް އިހްސާނާއި އަމީންއާ މެދު ފިޔަވަޅު ނާޅާނެކަން އެނގުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިހްސާނާއި އަމީން މަގާމުގައި ތިބެގެން މި ތަހުގީގު ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ރައީސް ކަމަށް ހަމަޖެއްސި ޑރ. މުހައްމަދު މުނައްވަރަކީ އިންސާފުވެރިކަމާއެކު އެކަން ކުރެއްވޭނެ ބޭފުޅެއް ކަމަށާއި އޭނާއަށް އިތުބާރު އެބައޮތް ކަމަށެވެ. އެހެންކަމުން އުންމީދަކީ އެ ކޮމިޝަނުން އަވަހަށް ތަހުގީގު ނިމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔުމްނުގެ ދައްތަ މިރޭ ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަދައްކަމުން ބުނީ ޔުމްނުއަށް މިހާރު ވާހަކަދެއްކޭ ކަމަށެވެ. އެގޮތުން އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ކިޔައިދީފައިވާ ކަމަށް ދައްތަ ބުންޏެވެ.
ހ. ފެންޓެނޯއީ ގެއަކީ ކުރިން ވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށާއި ހާދިސާ ހިނގި ރޭ އެގެއަށް ދިޔައީ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށް ޔުމްނު ކިޔައިދީފައިވާ ކަމަށް ވެސް އޭނާގެ ދައްތަ ބުންޏެވެ.