މީގެ 16 އަހަރު ކުރިން އެގްރިކަލްޗާ މިނިސްޓްރީން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވަރުވާއަށް ދޫކުރި ގއ. ރިބިދޫ އޭނާގެ އަތުން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ގއ. ރިނބިދޫ ޖާބިރުގެ އަތުން އަތުލާފައި ވަނީ ފަޅު ރަށްރަށާ ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

އެ ރަށް އަތުލާފައި ވަނީ އެގްރީމެންޓްގެ 8 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރަށް ވަކިކުރެވުނު ތާރީޚާ ހަމައަށް ދައްކަންޖެހޭ ވަރުވާގެ އިތުރަށް، ވަރުވާގެ ގޮތުގައި ދައްކާފައިވާ ފައިސާ އާއިި އެރަށުގެ ދެ އަހަރު ދުވަހުގެ ވަރުވާއަށް ފައިސާ ލިބިދެވޭ ގޮތަށް ކަމަށް ވެސް އެ ހުކުމްގައުވެ އެވެ.

އެރަށް ޖާބިރުގެ އަތުން އަތުލާފައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ޖާބިރުގެ ފަރާތުން ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ދެއްކިފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެރަށް ވަރުވާގެ ގޮތުގައި ޖާބިރަށް ދޫކުރީ 2005 އޮކްޓޯބަރު ތިން ވަނަ ދުވަހު އެވެ.