މޯލްޑިވްސް އެކްސްޕޯ 2025ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

މިއީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ އެވެ.

މާދަމާއިން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ދިރާގުން ދަނީ އެކި ދާއިރާތަކުގައި ދިވެހިން ކުރިއަރުވައި، ދިވެހީންގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.