ރެވެނިއު ސްޓޭމްޕް ޤާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށެވެ.

"މިކަން މިހެން އޮތް އިރު ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ. ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދާއިރު ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ ދެއްކުމަށްފަހު އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވޭ. އެހެންކަމުން ޤާނޫނު އުވާލުމާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެކަން ޔަޤީން،" އާޒިމް ވިދާޅުވި އެވެ.

ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، އެ ޤާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ޤާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ. އަދި އެއީ އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރު އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި ބަދަލާ އެކު ރެވެނިއު ސްޓޭމްޕަށް ދައްކަން ޖެހޭ ފީ 90 ޕަސެންޓް ބޮޑުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އޭރު ވިޔަފާރިވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރިއެވެ. ރެވެނިއު ސްޓޭމްޕްގެ ނަމުގައި ނެގިޔަސް އެއީ އިންޑައިރެކްޓް ޓެކްސްއެއް ކަމަށާއި އެކަމުގެ ސަބަބުން މުދަލުގެ އަގަށް ބަދަލު އަންނާނެ ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދިޔަ އެވެ.

ޑޮލަރު ހޯދަން އެހާ އުނދަގޫ އިރު ރެވެނިއު ސްޓޭމްޕްގެ އަގު ބޮޑު ކުރުމުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވާނެ ކަމަށް ވިޔަފާރިވެރިން އޭރުވެސް ދިޔައީ ބުނަމުންނެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނެކެވެ.