އޮރިޔާން ކާޑު ގެންގުޅުމާއި ޖިންސީ ފުރައްސާރައިގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީީޒު ކުރަމުން އަންނަ ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ސޯން ޑިޑީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާއްސަ ލުއިތަކެއް ދީފާނެ ކަމަށް އަޑުތައް އަރައިފި އެވެ.

މި އަޑުތައް އަރާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ ނުފޫޒުގަދަ ގިނަ ބަޔަކަށް ލުއިތަކެއް ދޭން ޓްރަމްޕް ނިންމާފައި ވަނިކޮށެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން ޓްރަމްޕް ބުނީ ޑިޑީގެ ހުކުމް މައާފު ކުރަން ނުވަތަ ލުއިދޭން އެދި ހުށައެޅުމެއް އައިސްފައިނުވާ ކަމަށެވެ.

"އަހަންނަށް އެނގޭ ވަރަށް ގިނަ ބަޔަކު އެކަމާ (ލުއިދޭން އެދެން) ވިސްނާކަން. ބައެއް މީހުން އެކަމަށް އެދެން ވަރަށް ކައިރިވެސް ވި" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އިތުރަށް ބުނީ ޑިޑީގެ މައްސަލަ އޭނާ އެހާ ގާތުން ނުބަލާ ކަމަށާއި އެހެން ނަމަވެސް ނިންމުމެއް ނިންމުމުގެ ކުރިން ވީ ގޮތާއި ވަމުންދާ ގޮތަށް ރިއާޔަތް ކުރާނެ ކަމަށެވެ.

ޑިޑީއަށް ކޮށްފައިވާ ހުކުމް ޓްރަމްޕް މައާފު ކޮށްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެ ދެމީހުންނަކީ ކުރިން ވަރަށް ގާތް ގުޅުމެއް ބޭއްވި ދެ މީހުންނަށް ވާތީ އެވެ.