ދިރާގު ކަސްޓަމަރުންނަށް 46 ގައުމަކުން ރޯމިންގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި 150 ރުފިޔާ އިން ފެށިގެން 775 ރުފިޔާގެ ދެމެދުގައި ލިބެންހުރި މި ރޯމިން ޕެކޭޖްތައް ފަރުމާކޮށްފައި ވަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭނެ ގޮތަށެވެ. މި ހިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތައް ކަމަށްވާ އިންޑިއާ، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕެކޭޖްތަކުގެ ތެރޭގައި، ހައްޖާއި އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 375 ރުފިޔާއަށް 4 ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގުއެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ. މި ޕެކޭޖްތައް ބޭނުނުން ކުރެވެނީ ޑޭޓާ ރޯމިން އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށް ކަމަށް ދިރާގުން ބުނެ އެވެ.
އެހެންކަމުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތްކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮޑް ދިރާގުން ރޯމިން ޕެކޭޖެއް އެކްޓިވޭޓްކޮށްލައިގެން ފަސޭހަކަމާއެކު ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.