ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ ފްލީޓަށް މިއަދު ގެނައި މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހަވީރު 4:05 ގަ އެވެ. މި ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

މި ބޯޓާއެކީ މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ހިމެނެނީ ޖުމްލަ 25 މަތިންދާބޯޓެވެ.

އައިލެންޑްއޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ފްލީޓުގައި ހިމެނެނީ ވައިޑް-ބޮޑީ އެއާބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މާރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މާރުކާގެ ފަސް މަތިންދާބޯޓާއި، ޑޭޝް 8 މާރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މާރުކާގެ ޓްވިންއޮޓާ 11 މަތިންދާބޯޓެއް ކަމަށެވެ.

އިޔާސް ވިދާޅުވީ މި އާ އޭޓީއާރު މަތިންދާބޯޓަކީ ޑޭޝް 8 މާރުކާގެ ބޯޓުތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ގެނެވުނު ފަސްވަނަ އޭޓީއާރު މަތިންދާބޯޓެވެ. އަދި 2027 ވަނަ އަހަރާ ހަމައަށް ޑޭޝް 8 ގެ ހުރިހާ ބޯޓެއް ބަދަލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.