ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ޚާންއާއި އޭނާގެ އަންހެނުން ޝުރާ ޚާންއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އަރުބާޒް ޔަގީން ކޮށްދީފި އެވެ.
މީޑިއާއާ ވާހަކަ ދައްކަމުން އަރުބާޒް ބުނީ އެއީ ހަގީގަތެއް ކަމަށާއި އެކަމުގެ ހަބަރު މިހާރު އާއިލާއަށާއި އާއްމުންނަށް ވެސް އެނގިފައިވާ ކަމަށެވެ.
އެއާއެކު އަލުން ބައްޕައަކަށް ވުމަށް ކެތްމަދު ވެފައިވާ ކަމަށާއި މިއީ އެ ދެމަފިރިންގެ ހަޔާތުގައި އައި ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ވެސް އަރުބާޒު ބުންޏެވެ.
ޝުރާ ބަލިވެ އިންކަން އަރްބާޒު ޔަގީން ކޮށްދީފައި މިވަނީ އޭނާ ބަލިވެ އިންކަމަށް މީޑިއާގައި ހަބަރުތައް ފެތުރޭތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
އެ އަޑުތައް އެންމެ ފުރަތަމަ އަރާފައިވަނީ އެ ދެމަފިރިން އެކުގައި މެޓާނިޓީ ކްލިނިކަކުން ނުކުތްތަން މީޑިއާއަށް ފެނުމުންނެވެ. އެއީ ގާތްގަނޑަކަށް މީގެ ދެ މަސް ކުރި އެވެ.
މިއީ ޝުރާގެ އެންމެ ފުރަތަމަ ދަރިފުޅު ނަމަވެސް އަރްބާޒުގެ ފުރަތަމަ ކައިވެންޏަށް މީގެ ކުރިން ދަރިއަކު ލިބިފައިވެ އެވެ. އެއީ މަލައިކާ އަރޯރާއާއެކު ލިބުނު ދަރި އެކެވެ.