ދޯހާ (ޖޫން 24)- ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް އީރާނުން މިސައިލުން މިރޭ ހަމަލާދީފި އެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި އެ ގައުމުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް އަމާޒުކޮށް އީރާނުން ހަ މިސައިލް ފޮނުވާލި ކަމަށެވެ. އަދި ގަތަރުގެ އުޑުމަތިން ގިނަ މިސައިލްތަކެއް ފެނިފައިވާ ކަމަށް ވެސް އެ ނިއުސް އެޖެންސީން ބުނެ އެވެ.

މި ބޭސް ހަދާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގަ އެވެ. އަލް އުދެއިދު އެއާ ބޭސް އަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ފޯވާޑް ހެޑްކުއާޓާސް އެވެ. އެތަނުގެ ބޮޑުމިނުގައި 24 ހެކްޓަރު (60 އޭކަރު) ހުރެ އެވެ.

ގަތަރުގެ ދޯހާގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިރޭ އިރާނުން މިސައިލް ހަމަލާތަކެއް ދެނީ.

މި ހަމަލާ ދިނުމުގެ ކުރިން އީރާނުން އިންޒާރުތަކެއް ދިނުމުން އެމްބަސީތަކުން ވަނީ މީހުން ޝެލްޓާތަކުގައި މަޑުކުރަން އަންގައިފަ އެވެ. މިއީ ގަތަރުގެ ވައިގެ ސަރަހައްދަށް ސީދާ މިސައިލް ހަމަލާތަކެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދީދު އެއާ ބޭސްއަށް އަމާޒުކޮށް ބަދަލުހިފުމުގެ މިސައިލް ހަމަލާއެއް ދިންކަން ކަށަވަރުކޮށްދީފަ އެވެ.

ގަތަރުގެ ދޯހާގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިރޭ އިރާނުން މިސައިލް ހަމަލާތަކެއް ދެނީ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނީ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލުން ހަމަލާ ދިނުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި މި މިޝަނަށް ކިޔަނީ "އެނަންސިއޭޝަން އޮފް ވިކްޓްރީ" އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވިދާޅުވީ އަލް އުދީދު ބޭސްއަށް އައިއާރްޖީސީން ދިން ހަމަލާއަކީ ގަތަރުގެ އިސްތިގުލާލާއި ވައިގެ ސަރަހައްދާއި އދ. ގެ ޗާޓަރާ ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ.

އަލް އަންސާރީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ހަރުކަށި އަމަލުތަކަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށެވެ. އަދި ގަތަރުގެ ވައިގެ ދިފާއީ ބާރުތަކުން އެ ހަމަލާ ނާކާމިޔާބުކޮށް، އީރާނުގެ މިސައިލްތަކާ ދެކޮޅަށް މަސައްކަތް ކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ގަތަރުގެ ސަރުކާރުން މިހެން ބުނި ނަމަވެސް އީރާނުން ފޮނުވާލި މިސައިލްތައް ގަތަރުގައި ހުންނަ މިލިޓަރީ ބޭސްއަށް ވެއްޓި ގޮވާ މަންޒަރު ފެނިފައިވެ އެވެ.

އީރާނުގެ ޓީވީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް އަލް އުދީދު ބޭސްއަށް ތިން މިސައިލް ހަމަލާދީފައިވާއިރު، ގަލްފުގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުން މަތިންދާ ބޯޓާއި އުޅަނދުތައް ފުރައިފައިވާ ކަމަށެވެ.