އިރާނަކީ އިސްލާމީ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ރަން ތާރީޚެއް އޮތް ގައުމެކެވެ. ޝާއިރުންނާއި، ފިލޯސަފަރުންނާއި، ހިސާބު އިލްމެވެރިންނާއި، ކެމިސްޓްރީ އަދި ބައޮލޮޖީ ފަދަ އެތައް ދާއިރާއެއްގައި ވަރަށް ފުންނާބު އުސް އިލްމެވެރިންތަކެއް އުފެއްދި އަދި މިހާރު ވެސް ތިބި ގައުމެކެވެ.

އަލް ޚުވާރިޒްމީ އާއި އިބްނިސީނާ މެންފަދަ އިލްމްވެރިންނަކީ ޒަމާނީ ހިސާބުގެ އިލްމާއި ޒަމާނީ މެޑިސިންގެ ބިންގާ އަޅުއްވައިދެއްވި ފަރާތްތަކެވެ. އަލްޖެބްރާ (ހިސާބު އިލްމެގެ ބައެއް) ތަރައްގީ ކުރުމުގެ އިތުރުން ފަލަކީ އިލްމާއި ސިއްހީ ދާއިރާއަށް އިރާނުގެ އިލްމްވެރިންގެ ސަބަބުން ދުނިޔެއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

އިރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އެ ގައުމުން ވަރަށް ގިނަ ކަންތައްތަކެއްގެ ބިންގާ އަޅައި އާދަޔާ ޚިލާފް ކުރިއެރުންތަކެއް ހޯދި އެވެ. އިރާނުގެ އިސްލާމީ އިންގިލާބަށް ފަހު އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އިރާނަކީ ނަމޫނާ އިސްލާމީ ގައުމެކެވެ.

މަޝްހޫރު ބޭސްވެރިޔާ އިބްނު ސީނާ

ސައިންޓިފިކް ދާއިރާތަކުން ގައުމުތައް ހޯދާ ކުރިއެރުންތައް ބަލާ ފަރާތެއް ކަމަށްވާ ކެނެޑާގެ ސައިންސް-މެޓްރިކްސް އިން ބުނި ގޮތުގައި އިރާނުގެ ސައިންޓިފިކް އުފެއްދުންތަކާއި ކުރިއެރުން 2011 ވަނަ އަހަރު ވެސް 11 ގުނަ ކުރިއަރާފައިވެ އެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގެ މި ދާއިރާތަކުގެ އެވެރެޖަށް ވުރެ މަތީ ރޭޓެކެވެ. ސައިންޓިފިކް ލިޔުންތައް ޝާއިއުކުރާ ވެބް އޮފް ސައިންސް ޑޭޓާބޭސްގައި ޝާއިއުކޮށްފައިވާ އެތައް އިލްމީ ލިޔުކަމުން ހާމަވާ ގޮތުގައި ތުރުކީ ވިލާތާއި އިރާނުގެ ސައިންޓިފިކް ކުރިއެރުންތައް ދުނިޔޭގެ އެހެން ހިސާބުތަކަށް ވުރެ ހަތަރު ގުނަ މައްޗެވެ.

އީރާނުގެ އިންގިލާބީ ލީޑަރު އާޔަތުﷲ ހުމައިނީ.

ދުނިޔޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އެރިކް އެޗަމްބޮލްޓް، އޭނާގެ ފޮތް "ޖިއޮޕޮލިޓިކަލް ޝިފްޓްސް އިން ނޮލެޖް ކްރިއޭޝަން" ގައި ލިޔުއްވާފައި ވަނީ އިރާނަކީ 1980ގެ ފަހުން އިންއޯގަނިކް އަދި ނިއުކްލިއާ ކެމިސްޓްރީއާއި ނިއުކުލިއާ އެންޑް ޕާޓިކަލް ފިޒިކްސް އަދި ނިއުކުލިއާ އިންޖިނިއަރިންގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއްގެ ގޮތުގަ އެވެ. މި ގޮތުން އިރާނުގެ ނިއުކުލިއާ އިންޖިނިއަރިންގެ ކުރިއެރުމުގެ ދުވެލި ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ 250 ގުނަ ބޮޑެވެ. އަދި ސިއްހީ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގައި ވެސް އިރާނަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. ވެކްސިން އުފެއްދުމާއި ޖެނެޓިކް އިންޖިނިއަރިން ދާއިރާގައި ވެސް އިރާން ފާހަގަކޮށްލެވެ އެވެ. އިރާނުގެ ރޯޔަލް އިންސްޓްޓިއުޓްގެ ސައިންސްވެރިން 2006 ވަނަ އަހަރު ވަނީ އެގައުމުގައި ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެއް ކަމަށްވާ މޮފްލެން (ފުއްލާ އާ ވަތްތަރު ޖަނަވާރެއް) އެއް ކްލޯން ކޮށްފަ އެވެ. ކްލޯން ކުރުމަކީ މޮކެކިއުލާ ބައޮލޮޖީގެ ލެބޯޓްރީއެއްގައި ދިރުން ހުރި އެއްޗެއް ނުވަތަ އޮގަނިޒަމްއަކާ ވަތްތަރު އެހެން އެއްޗެއް ޖެނެޓިކް ކޮޕީއެއް އުފެއްދުމެވެ.

އިރާނުން ކްލޯންކުރި ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެއް ކަމަށްވާ މޮފްލެން

އިރާނުން ވަނީ ލޭޒާ ޓެކްނޮލޮޖީ، ރޮބޮޓިކް ޓެކްނޮލޮޖީ، މައިކްރޯ އިލެކްޓްރޯނިކްސްއާއި، ހާޑްވެއާ ތަރައްގީ ކުރުން، ސްޕަކޮމްޕިއުޓާ އުފެއްދުމާއި ސޮފްޓްވެއާ އުފެއްދުމާއި ކޮމްޕިއުޓަރު ސައިންސް ދާއިރާއިން ވެސް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފަ އެވެ. އިރާނަކީ އާޓިފިޝަލް އިންޓެލިޖެންސްގައި (އޭއައި) ދުނިޔޭގެ 33 ވަނަ އަށް އެންމެ ކުރިއަރާފައިވާ ގައުމެވެ. އަދި އިސްލާމީ ގައުމުތަކުގެ ތެރެއިން އޭއައިގައި އެންމެ ކުރީގައި އުޅެނީ ވެސް އިރާނެވެ. އިރާނުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން އިޒްރޭލާއި ހުޅަނގުގެ ކަންބޮޑުވުންތައް އަބަދުވެސް އޮވެ އެވެ. މި ކުރިއެރުންތައް ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، އިރާނުގެ އެތައް ސައިންސްވެރިންނަކާއި އިލްމްވެރިން ނެތް ވަނީ މަރާލާފަ އެވެ.

އަސްކަރީ ބާރު

އިރާނާ ދެކޮޅަށް އެތައް އަހަރެއް ވަންދެން އަޅާފައިވާ ދަތިރުކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އެ ގައުމުން ވަނީ ސަރަހައްދީ ބޮޑު އަސްކަރީ ބާރަކަށް ވެފަ އެވެ. ދުނިޔޭގެ އަސްކަރީ ބާރުވެރިކަމުގެ މިންގަނޑުން އިރާނަކީ 16 ވަނައިގައި އޮތް ގައުމެވެ. އިރާނުގެ އަސްކަރީ ޚިދުމަތުގައި އުޅެވޭނެ އުމުރުފުރައިގެ އާބާދީ 49.5 މިލިއަނަށް އަރަ އެވެ. އިރާނުގެ އާމީގައި 1.18 މިލިއަން ސިފައިން ތިބިއިރު، އެކްޓިވް ޓްރޫޕްސްގެ ގޮތުގައި 610،000 ސިފައިން އެބަ ތިއްބެވެ. ރިޒާވުންގެ އަދަދަކީ 350،000 އެވެ. އަދި ޕެރަމިލިޓަރީންގެ އަދަދު 220،000 އަރަ އެވެ.

އިރާނުގެ އަސްކަރިއްޔާ އޮންނަނީ ވަރަށް ޚާއްސަ ސިފައަކަށް އެކުލެވިގެންވާ BIFURCATED ނިޒާމަކަށެވެ. އެއީ ދެ ކަފިކޮށްފައި އޮންނަ ދެ ގޮތްޕަކަށް ބަހާލައިފައި އޮންނަ ސިސްޓަމެކެވެ. މި ނިޒާމުގައި އަސްކަރީ ސިފައިންގެ އޮންނަނީ ދެ އޮގަނައިޒޭޝަނެކެވެ. އެއީ އާންމު ސިފައިންގެ "އަރްތިޝް" ލަޝްކަރާއި ވަރުގަދަ "އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް" (އައިއާރްޖީސީ) އެވެ. އަރްތިޝް އަކީ ގައުމު ދިފާއުކުރުމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ ޒިންމާ އުފުލާ ފައުޖެވެ. އައިއާރްޖީސީ އަކީ އިރާނުގެ އިސްލާމީ އިންގިލާބުގެ އައްޑަނަ އެވެ. އައިއާރްޖީސީގައި ވެސް ކަނޑާއި އެއްގަމާއި ވަޔާއި އެއިރޯސްޕޭސް ޑިވިޝަނަކާއި ސްޕެޝަލް އޮޕަރޭޝަންސް ޔުނިޓްތައް އޮވެ އެވެ. މި ލަޝްރު ރިޕޯޓް ކުރަންޖެހެނީ ސީދާ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަށެވެ.

އިރާނުގެ ދިފާއީ ސްޓެރެޓެޖީ

އިރާނުގެ އަސްކަރިއްޔާގެ އެންމެ ތަތާފު ސިފައަކީ ސަރަހައްދީ ގައުމުތަކުގައިވާ އެ ގައުމުން ފަންޑްކޮށް އެހީތެރެވެ ދޭ ހަނގުރާމަވެރި ގްރޫޕްތަކާއި ޖަމާއަތްތަކެވެ. ނުވަތަ "އެކްސިސް އޮފް ރެސިސްޓެންސް" ގެ ނަމުން ނަން ދެވިފައިވާ "ކުޑަ" އެވެ. މިއީ 1980 އިން 1998 އަށް ހިނގައިދިޔަ އިރާން- އިރާގް ހަނގުރާމަ އަށް ފަހު އިރާނުން ވުޖޫދުކޮށްފައިވާ ވަރުގަދަ ބާރުތަކެކެވެ. އިރާނުން ވަނީ މި ކުޑައިގެ ދަށުންނާއި އެހެނިހެން ގޮތްގޮތުން، އެ ގައުމުން ސީދާ ދުޝްމަނުންނާއި ކުރިމަތި ނުލައި އިރާނުގެ އާރާއި ބާރު އެހެން ސަރަހައްދުތަކަށް ފަތުރައި ނުސީދާކޮށް ދުޝްމަނުންނަށް ގެއްލުންދީ ކުރިމަތިލާނެ ގޮތް ހޯދައިފަ އެވެ. މީގެ ތެރެއިން އެންމެ ވަރުގަދަ ބާރަކީ ލުބްނާންގެ ހިޒްބުﷲ ޖަމާއަތެވެ. އިރާނުން އަހަރަކު 700 މިލިއަން ޑޮލަރު އެ ޖަމާއަތަށް ދެ އެވެ. މި ޖަމާއަތުގައި 150،000 ރޮކެޓާއި މިސައިލްވެ އެވެ.

މީގެ އިތުރަށް އިރާގާއި، ޔަމަނާއި ސީރިއާގައި ވެސް މި ކުޑައިގެ ދަށުގައި ބާރުގަދަ ޖަމާއަތްތައްވެ އެވެ. މި ގްރޫޕްތަކުން ވަނީ އިރާނުގެ ދުޝްމަނުންނަށް ނުރައްކާވާ ކަހަލަ ހިސާބުތަކުގައި ޕްރެޝަރު ޕޮއިންޓްތަކާއި ބާރުތައް ގާއިމްކޮށްފަ އެވެ. މިކަމުގެ ސަބަބުން މި ގްރޫޕްތަކުން ކަމެއް ކުރިއަސް އެއީ ސީދާ އިރާނުން ކުރާ ކަންތައްތަކެއް ނޫންކަން އިރާނަށް ބުނެވެން އޮވެ އެވެ. މިއީ އިރާނުގެ ބޯޑަރުން ބޭރުގައި އެ ގައުމުން ރުކުރުވާލާފައިވާ އައްޑަނައެކެވެ. އަދި މިކަމުގެ ސަބަބުން ދުޝްމަނުންނަށް އަސްކަރީ ހިސާބުޖަހަން އުނދަގޫވެ އެވެ.

ހަތިޔާރު އުފައްދާ ތަރައްގީކުރުން

އިރާނުން ވަނީ ހަތިޔާރު އުފެއްދުމުގެ ވަރަށް ގިނަ ދާއިރާތަކުން ކުރިއެރުން ހޯދާފަ އެވެ. ހުޅަނގު އޭޝިއާގައި އެންމެ ގިނަ ވަތްތަރުތަކުގެ އަދި އެންމެ ގިނަ އަދަދަކަށް މިސައިލް ހުރީ ވެސް އިރާނުގަ އެވެ. މީގެ ތެރޭގައި ޝަހާބް މިސައިލްތަކުގެ ވަތްތަރުތަކާއި، ގަދްރް، އިމާދް، ކޮރަމްޝަހަރް، ސިއްޖީލް އާއި ހައިޕަސޮނިކް މިސައިލެއް ކަމަށްވާ ފައްތާހް މިސައިލް ހިމެނެ އެވެ. މީގެ ތެރެއިން ގިނަ މިސައިލްތައް މުޅި ހުޅަނގު އޭޝިއާގެ ސަރަހައްދަށް ފޮނުވާލެވޭނެ އެވެ.

އިރާނުން އުފައްދާފައިވާ ޑްރޯންތަކެއް.

އިރާނަކީ ޑްރޯން އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ. އިރާނުގެ މަޝްހޫރު ޑްރޯންތަކުގެ ތެރޭގައި ޝާހިދް-136، ޝާހިދް-129 އަދި މުހާޖިރް-6 ހިމެނެ އެވެ. މީގެ އިތުރުން އިންސާނުންނާއި ނުލައި، އަމާޒަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުދުހޭ އުޅަނދުތައް ވެސް އިރާނުން އުފައްދަ އެވެ. މި ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިއާއިން ޔުކްރެއިނަށް މިހާރު ވެސް ހަމަލާ ދެމުން ގެންދެ އެވެ. މީގެ އިތުރުން އިރާގް، ސީރިއާ އަދި ޔަމަނުން ވެސް އިސްރާއީލާ ދެކޮޅަށް އިރާނުން އުފައްދާފައިވާ މިފަދަ ހަތިޔާރުތައް ބޭނުންކުރެ އެވެ.

ހޮރްމޫޒް ކަނޑާއި އިރާން އުފެދިފައިވާ ގޮތުން ލިބިފައިވާ އެޑްވާންޓޭޖް

އިރާނުން ވަނީ އެ ގައުމުގެ އައްސާރިފަށާ ގުޅިފައިވާ ހޮރޮމޫޒް ކަނޑުގެ ކޮންޓްރޯލް ހޯދައި، ނުފޫޒު ފޯރުވުމަށް އެ ގައުމުގެ ކަނޑުގެ ލަޝްކަރާއި މި ކަމާ ގުޅުން ހުރި ޚާއްސަ ހަތިޔާރާއި ވަސީލަތްތައް ގާއިމްކޮށްފަ އެވެ. މި ގޮތުން ފާތިހް ކްލާސް ސަބްމެރިނާއި، ގާދިރް މިނި ސަބްމެރިނަކީ ތިލަ ކަނޑުތަކުގައި ދުޝްމަނުންގެ އުޅަނދުތަކާ ދެކޮޅަށް ހަމަލާ ދިނުމަށް އުފައްދާފައިވާ ސަބްމެރިންތަކާއި ސީކްކިމިން ކްރޫޒް މިސައިލް ފަދަ ހަތިޔާރު ހިމެނެ އެވެ. މީގެ އިތުރުން މަނަވަރާއި ޑިސްޓްރޯޔާ ފަދަ ކަނޑުގެ އުޅަނދުތަކަށް އަވަސް ސްޕީޑެއްގައި ހަމަލާ ދިނުމަށް ޚާއްސަ ދުވެލި ބާރު އުޅަނދުތަކާއި ހަތިޔާރުތަކާއި ކަނޑަށް މައިން އެޅުމަށް ވެސް ޚާއްސަ ބޯޓު ފަހަރު އުފައްދާފައިވެ އެވެ.

އިރާނުގެ ބިން ނުވަތަ ޖިއޮގްރަފިކަލް ގޮތުން އިރާން އުފެދިފައި އޮންނަ ގޮތުން (ބިޔަ ފަރުބަދަތަކާއި އުސް ވާދީ ފަދަ ތަންތަން) ވެސް ދުޝްމަނުންނަށް އިރާނަށް ހަމަލާ ދިނުމާއި ބިންމަތިން އަރައި އެ ގައުމު ހިފުމަކީ އުނދަގޫ ކަމެކެވެ. އަދި ގުދުރަތީ ގޮތުން ލިބިފައިވާ މި ސިފަ އެ ގައުމުން ވަނީ އަސްކަރީ ބާރުތައް ރުކުރުވާލައި އިތުރަށް ވަރުގަދަކޮށްފަ އެވެ. އިރާނުގެ އައްސޭރިފަށުގައި 2،440 ކިލޯމީޓަރު ހުރެ އެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުގެ ސަރަހައްދުގެ އުރުތު ފަޅި ކޮންޓްރޯލް ކުރަނީ އިރާނުންނެވެ. އަދި މި ކަނޑުއޮޅި ބަންދުކޮށްލުމަކީ އިރާނަށް އެއްވެސް ކަމެއް ނޫނެވެ. މިކަމުގައި ބޮޑެތި މަނަވަރުތަކާއި ފައިޓަ ޖެޓްތަކާއި ބޮޑެތި ހަތިޔާރުތަކެއް ބޭނުންކުރާކަށް ނުޖެހޭނެ އެވެ.

އިރާނުން ވަނީ އެ ގައުމުގެ މިސައިލް ލޯންޗަރުތަކާއި ކާރުޚާނާތަކާއި ފައިޓާ ޖެތްތަކުގެ ހޭންގަރުތަކާއި، މުހިންމު ރިސާޗް ފެސިލިޓީތައް ވެސް ވެސް ފަރުބަދަމަތީ ސަރަހައްދުތަކުގެ ހިސާބުތަކުގެ ބިމުއަޑީގައި ގާއިމްކޮށްފަ އެވެ. އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ތަންތަން ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބަހާލައިފަ އެވެ. އިރާނުގެ ދިފާއީ ނިޒާމް ވަނީ މި ގުދުރަތީ ސިފަތަކާ ގުޅުވައިފަ އެވެ. މިއީ އިރާނަށް އެންމެ ފުރަތަމަ އަންނަ ހަމަލާއަކަށް ފަހު، ދުޝްމަނުންނަށް ރައްދުގައި ގަދަފަދަ ހަމަލާތަކެއް ދިނުމުގެ ގާބިލްކަން އުފެއްދުމަށް ގާއިމްކޮށްފައިވާ ނިޒާމެކެވެ. ވަރުގަދަ ކަނޑުގެ ލަޝްކަރަކަށް ވެސް ފަސޭހައިން އެއްގަމު މަގުން އިރާނަށް ނޭރޭނެ ފަދަ ދިފާއެއް އެ ގައުމުން ވަނީ ވަރަށް ފުރިހަމައަށް ގާއިމްކޮށްފަ އެވެ.

އިރާނުގެ ނިއުލިއާ ގާބިލްކަން

އިރާނުން ވަނީ އެ ގައުމުގައި އެތައް ނިއުކުލިއާ މަރުކަޒެއް ބިނާކޮށްފަ އެވެ. މި ގޮތުން ޔުރޭނިއަމް ފައްކާކުރުމުގެ މިންވަރު 60 ޕަސެންޓަށް ވުރެ މައްޗަށް ވަނީ ޖައްސައިފަ އެވެ. ނިއުކުލިއާ ހަތިޔާރެއް އުފައްދަން ބޭނުން ވަނީ 90 ޕަސެންޓަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެވެ. އިރާނަކީ ނިއުކުލިއާ ހަތިޔާރެއް އުފެއްދުމުގެ ހުނަރާއި އިލްމާއި ވަސީލަތްތައް ފުރިހަމައަށް ލިބިފައިވާ ގައުމެކެވެ. އަދި އިރާނަކީ ރަޝިއާ އަދި ޗައިނާ ފަދަ ގައުމުތަކާ ގުޅިގެން ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ.

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ގެ އެހީގައި ދުޝްމަނުންގެ ވައިގެ ދިފާއީ ނިޒާމް ފޫއަޅުވާލުމަށް އެކި އުކުޅުތަކާއި ހަތިޔާރު ތަރައްގީ ކުރުމުގައި ވެސް އެ މީހުންނަކީ ފާހަގަކޮށްލެވޭ ބައެކެވެ. އިރާނުން ބޭރުގައި ގާއިމްވެ ތިބި އެ ގައުމާ ގުޅުންހުރި ހަނގުރާމަވެރި ގްރޫޕްތަކަކީ ގެރިއްލާ ހަނގުރާމައިގެ ފައުޖުތަކެއްގެ އިތުރުން އެ ޖަމާއަތްތައް ގާއިމްވެގެން ތިބޭ ގައުމުތަކުގައި ސިޔާސީ ގޮތުން ވެސް ބާރުގަދަ ޖަމާއަތްތަކެވެ.

އެސައިމެޓްރިކަލް ވޯފެއާ

ކޮންވެންޝަނަލް ހަނގުރާމައިގެ އިތުރުން (މިސައިލާއި ފައިޓާ ޖެޓް ފަދަ ހަތިޔާރު ބޭނުންކޮށްގެން ކުރާ ޒަމާނީ ހަނގުރާމަ) ހަނގުރާމައިގެ އެހެނިހެން އުކުޅުތަކާއި ގާބިލްކަން ވެސް ހޯދައިފަ އެވެ. އެކި ގައުމުތަކުގައި ތިބޭ އެ ގައުމުގެ ގްރޫޕްތައް މެދުވެރިކޮށް ގެއްލުންދިނުމާއި ސިއްރިޔާތުގައި ދުޝްމަނުންނާ ދެކޮޅަށް ކަންކަން ރޭވުމުގެ ފުރިހަމަ ގާބިލްކަން ލިބިގެންވެ އެވެ. އިރާންގެ އަސްކަރީ ޑޮކްޓްރައިންގައި ކޮންވެންޝަނަލް ހަނގުރާމަ ކުރުމުގެ އިތުރުން، ސައިބާ ވޯ އަދި އިންފޮމޭޝަން ވޯފެއާގައި ވެސް އިރާން ފާހަގަކޮށްލެވެ އެވެ.

ހަނގުރާމައެއްގައި ސިމެޓްރިކަލް ވޯފެއާގައި ބޭނުންކުރާނީ ދެ ފަރާތުގެ ވެސް އާރާއި ބާރު ހުރި ހަތިޔާރާއި ވަސީލަތްތަކުންނެވެ. އެހެންނަމަވެސް އެސައިމެޓްރިކަލް ވޯ އެއްގައި މިފަދަ ހުރިހާ ބާރަކާއި ވަސީލަތެއް ނެތް ގައުމަކުން އެ ގައުމަކަށް ލިބިފައިވާ އަސްކަރީ ބާރާއި ވަސީލްތަކުގެ އިތުރުން އެހެނިނެހް އުކުޅުތަކާއި ގޮތްތައް ބޭނުންކޮށްގެން ވެސް ހަނގުރާމަ ކުރެ އެވެ. މީގެ ތެރޭގައި ދުޝްމަން ގައުމުތަކުގެ ނުވަތަ އެ ގައުމުތަކުގެ މަސްލަހަތު ހުރި ގައުމުތަކުގެ މުހިންމު ތަންތަނަށް ހަމަލާދިނުމާއި، ގެރިއްލާ އުކުޅުތައް ބޭނުންކުރުމާއި ޓެރަރިޒަމްގެ ހަމަލާތައް ދިނުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އިރާނުން މިސައިލް ހަމަލާތަކެއް ފޮނުވާލަނީ.

ވިއެޓްނާމް ހަނގުރާމައިގައި ދުނިޔޭގެ ސުޕަޕަވަރު އެމެރިކާއިން ވިއެޓްނާމަށް ހައްދެން ނެތް މިންވަރަށް ބޮންއަޅައި އެ ގައުމަށް އެރި ނަމަވެސް ވީ ނާކާމިޔާބެވެ. އަފްޣާނިސްތާނުގެ މުޖާހިދުންގެ ކުރިމަތީގައި ރޫސީ ސިފައިންނަށް ލިބުނު ނާކާމިޔާބާއި، ޔުކްރެރިނަށް ހުޅަނގުން ހަތިޔާރުތަކެއް ދިނަސް، އާރާއި ބާރުގެ ގޮތުން ޔުކްރެއިނާއި ރަޝިއާ އުޑާ ބިމާހާ ތަފާތެވެ. އެހެން ނަމަވެސް ޔުކްރެއިނުން ވަނީ ރަޝިއާއަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

މީގެ އިތުރުން، ދެކުނު ލުބްނާނުގައި އެތައް އަހަރެއް ވަންދެން ތިބި އިޒްރޭލް ސިފައިން 2000 ވަނަ އަހަރު ހިޒްބުﷲ ޖަމާއަތުން ފައްސާލުމާއި، ހިޒްބުﷲ އިން 2006 ވަނަ އަހަރު އިޒްރޭލާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިޒްރޭލަށް ލިބުނު ނާކާމިޔާބާއި، ހިޒްބުﷲ ޖަމާއަތުން ދެކުނު ލުބްނާނުގައި އެތައް އަހަރެއް ވަންދެން މި އަދާ ހަމައަށް ވެސް އެ ތިބެނީ އެސައިމެޓްރިކަލް އުކުޅުތައް ބޭނުންކޮށްގެންނާއި ޒަމާނީ ހަތިޔާރުގެ (ޑްރޯން އާއި މިސައިލް ފަދަ) ވެސް ބޭނުން ހިފައިގެންނެވެ.

ފާއިތުވެ ދިޔަ 45 ވަރަކަށް އަހަރުގެ ތެރޭގައި އިރާނުގެ އަސްކަރީ ބާރާއި ވަސީލަތްތައް ބޭނުންކޮށްގެން އެ ސަރަހައްދުގައި އިޒްރޭލާއި އެމެރިކާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ގެއްލުންތައް ވަނީ ދީފަ އެވެ. ފަލަސްތީނު ހަމާސް ޖަމާއަތަށް ހަތިޔާރާއި ފައިސާ ދިނުމުގެ އިތުރުން ލުބްނާންގެ ހިޒްބުﷲ ޖަމާއަތާއި ޔަމަނުގެ ހޫތީންނާއި އިރާގްގައި ތިބި އިރާންގެ ގްރޫޕްތަކަކީ ހަތިޔާރު ބަހައްޓާ އަމާންދީފައިވާ ޖަމާއަތްތަކެއް ނޫނެވެ. ހިޒްބުﷲ އާ ދެކޮޅަށް 25 އަހަރުވަންދެން ރޭވި ޕްލޭންގައި އެ ޖަމާއަތުގެ ލީޑާޝިޕްގެ އިސްވެރިންތަކެއް މިދިޔަ އަހަރު އަވަހާރަކޮށްލައި ގެއްލުންތަކެއް ދީފައި ވީ ނަމަވެސް، ހިޒްބުﷲ ޖަމާއަތާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނީ ލުބްނާން ސަރުކާރާއި ފަރަންސޭސި ވިލާތް ފަދަ ގައުމުތައް މެދުވެރިވެގެން ކުރެވުނު މަސައްކަތްތަކަކުންނެވެ. މިކަމުގައި އިރާނުގެ ނުފޫޒު ވެސް ހިމެނެ އެވެ.

ފަލަސްތީންގެ ހަމާސް ޖަމާއަތުން އިރާންގެ އެހީގައި އަދި ވެސް އިޒްރޭލާ ދެކޮޅަށް ދަނީ ހަނގުރާމަ ކުރަމުންނެވެ. ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީ އަރަބިއާއިން އެމެރިކާއާއި ގަލްފްގެ ގައުމުތައް ގުޅިގެންކުރި ލާއިންސާނީ ހަނގުރާމަ ހުއްޓާލަން ޖެހުނީ ވެސް ސައުދީ އަރަބިއާއަށާއި އެ ސަރަހައްދަށް ހޫތީންނާއި އިރާނުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ބޮޑުކަމުންނެވެ. ހޫތީން ސައުދީ އަރަބިއާއާ ދެކޮޅަށް ހިފަހައްޓާލަމުން ގޮސް އެންމެ ފަހުން ހަމަލާތައް އަމާޒުކުރަން ފެށީ ސައުދީގެ ބޮޑު ތެޔޮވަޅުތަކަށާއި ޔޫއޭއީގެ ތަންތަނަށެވެ. މި ހަނގުރާމަ ހުއްޓާލީ ވެސް ހޫތީން އަމާން ދީގެނެއް ނޫނެވެ. އެޕްރީލް 2022 ގައި ދެފަރާތުން ސުލްހައިގެ ވާހަކަދައްކައިގެންނެވެ. އަދި މިކަމަށް އިތުރު ފިނިކަމެއް ލިބުނީ ސައުދީ އަރަބިއާ އާއި އިރާނުގެ ގުޅުން އަލުން އިޔާދަ ކުރުމަށް 2023 ގައި އެއްބަސްވުމުންނެވެ.

ޔުކްރެއިނަކީ ހުޅަނގުން ހަތިޔާރުތަކެއް ދިނަސް އަސްކަރީ ގޮތުން އިރާނަށް ވުރެ ބަލިކަށި ގައުމެކެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ނިއުކުލިއާ ބާރު ކަމަށްވާ ރަޝިއާގެ ފަޚުރެއް ކަމަށްވާ މޮސްކުވާ ފަދަ މަނަވަރުތައް ފަތްތާލާފައި ވަނީ ޔުކުރެއިނުން އަމިއްލައަށް ތަރައްގީ ކުރި ނެޕްޓިއުން ނަމަކަށް ކިޔާ މިސައިލްތަކަކުންނެވެ. މީގެ އިތުރުން ރަޝިއާގެ ބޮޑެތި ބްރިޖްތަކާއި ވަރުގަދަ ދިފާއީ ނިޒާމްތަކާއި ފައިޓާ ޖެޓްތަކާއި މިސައިލް ކާރްޚާނާތަކާއި އެއާޕޯޓްތަކަށް ވެސް ޔުކްރެއިނުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މި ފަދަ ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރީ ފައިޓަރު ޖެޓްތަކާއި ބާރުގަދަ މިސައިލްތަކެއް ނޫނެވެ. ޔުކްރެއިނުން ގެންގުޅުނީ އެސައިމެޓްރިކަލް ވޯފެއާގެ އުކުޅުތަކެވެ. ރަޝިއާއަށް އެންމެ ބޮޑެތި ގެއްލުންތައް ދިނީ ނެޕްޓިއުން މިސައިލުންނާއި ޑްރޯންއާއި ގޮވާތަކެތިންނެވެ.

ޒަމާނީ ހަނގުރާމަކުރާ ގޮތް ބަދަލުވެއްޖެ

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވަނީ މި ޒަމާނުގެ ހަނގުރާމަ ކުރާ ގޮތާއި ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ. ވައިގެ މަގުން އަންނަ މިސައިލާއި ފައިޓަ ޖެޓްތަކުގެ ހަމަލާތަކުން ދިފާއުވާން ފެންމަތީގައި އޮންނަ މަނަވަރުގައި ކިތަންމެ ވަރުގަދަ އަދި ދިފާއީ އައްޑަނަތަކެއް ގާއިމްކޮށްފައި ހުރި ނަމަވެސް، އެ އުޅަނދެއްގެ ސަލާމަތާއި މެދު މިއަދު ހާލަތުން ގެރެންޓީއެއް ނެތް ކަމަށެވެ. އަދި އެއާޕޯޓްތަކާއި ހަތިޔާރު ގުދަންތަކާއި ރާޑަރުތަކާއި ވައިގެ ދިފާއީ ނިޒާމްތަކަކީ ވެސް މި ފަދަ ނުރައްކާތަކަށް ހުށަހެޅިފައިވާ ތަންތަނާއި ތަކެތި ކަމަށެވެ.

ދުނިޔޭގެ ސުޕަޕަވަރަކުން ނުވަތަ ގައުމަކުން ކިތަންމެ ވަރުގަދަ ހަތިޔާރެއް އުފެއްދިޔަސް، އެފަދަ ހަތިޔާރަކާ "ބައްދަލުކުރުމަށް" މިޒަމާނުގައި ޚަރަދުގެ ގޮތުންނާއި ބޭނުންކުރާ ހަތިޔާރު އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބާރު ދެރަ ގައުމުތަކުން ވެސް އުފައްދާތީ އެވެ. އަދި ބާރުގަދަ ހަތިޔާރުތަކާއި ދެކޮޅަށް މާ އަގުބޮޑު ނުވަތަ މޮޅު ހަތިޔާރެއް މިހާރު ބޭނުން ކުރަން ނުވެސް ޖެހެ އެވެ. މިހާރު އިންސާނުންނާއި ނުލައި އުދުހޭ ޑްރޯންއާއި އެފަދަ އެއްޗެހިން ވެސް ޒަމާނީ ހަނގުރާމައިގައި އަސްކަރީ ގޮތުން މަޝްހޫރު ގައުމުތަކަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ދެވިދާނެ އެވެ.

އިޒްރޭލުން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން ދޫނުދީ އިޒްރޭލާ ދެކޮޅަށް ހިފަހައްޓާލީ މައިގަނޑު ގޮތެއްގައި އިރާނުގެ މިސައިލާއި ޑްރޯން އިންނެވެ. އިރާނުގެ އެގައުމުގެ އަމިއްލަ މިސައިލްތަކުން އިޒްރޭލުގެ ތާރީޚް ވެސް ދެކެފައި ނުވާ ވަރުގެ ގެއްލުންތަކެއް ވަނީ ދީފަ އެވެ.

އިރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުގެ ދިފާއީ ނިޒާމް އެތައް ފަހަރަކު ޖޭމްކުރުމަށް ފަހު މިސައިލް ފޮނުވާލާފައިވެ އެވެ. ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ވެސް އިޒްރޭލުގެ ސިކިއުރިޓީ ކެމެރާތަކާއި ރާޑަރުތައް ޖޭމްކުރި އެވެ. ހަމާސް އިން ކުއްލި ހަމަލާ ދިނުމަށް ފުރަތަމަ ކުރި ކަމަކީ ވެސް އިޒްރޭލުގެ ރާޑަރުތަކާއި ކެމެރާ ފަދަ ތަކެތި ޖޭމްކުރުމެވެ. އެއަށް ފަހު އެތައް ސަތޭކަ ރޮކެޓެއް ފޮނުވާލުމަށް ފަހު އިޒްރޭލަށް އެތައް ދިމާލަކުން ވަގެދަތީ އެވެ.

އިރާންގެ ބާރުގަދަ މިސައިލް

ރަޝިއާގެ މޮސްކުއާ މަނަވަރު ހަލާކުކޮށްލުމާއި، ރަޝިއާގެ ވަރުގަދަ އެއާޑިފެންސް ސިސްޓަމްތަކާއި ރަޝިއާގެ ހެންގަރުތަކުގައި ޕާކްކޮށްފައި ހުންނަ ފައިޓަރު ޖެޓްތަކަށް ޔުކްރެއިނުން އަމިއްލައަށް އުފައްދާފައިވާ ނެޕްޓިއުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ކާމިޔާބު ހަމަލާތަކުން އެނގެނީ އަސްކަރީ ގޮތުން ބާރު ދެރަ ގައުމަކަށް ވެސް ކުރެވިދާނެ ކަންތައްތަކެވެ. އިރާނުން ފޮނުވާލާ ދެ ތިން ވައްތަރެއްގެ މިސައިލް އިޒްރޭލުގެ އަގުބޮޑު ވައިގެ ދިފާއު ފޫއަޅުވާލާފައި އެދަނީ ފަސޭހަކަމާއެކު އެވެ. މި ދިފާއީ ނިޒާމަކީ އެމެރިކާއާއި އިޒްރޭލުން ކުރިން އިސްތިހާރުކޮށް ފޮނިކަނޑަމުން ދިޔަ ގޮތުން މެއްސަކަށް ވެސް އެ ގައުމަށް ނޭނގި ނުވަދެވޭ ވަރުގެ ނިޒާމެކެވެ. އިރާނާއި އިޒްރޭލުގެ 12 ދުވަހުގެ ހަނގުރާމަ އިން އެ ގައުމުގެ ތާރީޚް ދެކެފައި ނުވާ ވަރުގެ ގެއްލުންތައް ލިބުނު އިރު، ފަލަސްތީންގެ ހަމާސް ޖަމާއަތުގެ މައްޗަށް އަދި ވެސް ކުރި ހޯދުމުގައި ވަނީ ނާކާމިޔާބު ވެފަ އެވެ. އިޒްރޭލުގެ ރަހީނުންކޮޅު އަދިވެސް ސަލާމަތް ނުކުރެވިގެން އުޅޭއިރު މިދިޔަ ބުދަ ދުވަހު ވެސް ގާޒާގެ ޚާން ޔޫނުސްގައި އިޒްރޭލުގެ އަސްކަރީ އުޅަނދެއް ގޮއްވާލައި އިޒްރޭލުގެ ސިފައިންގެ ހަތް މީހުން ވަނީ މަރާލާފަ އެވެ.

ބާރުވެރިކަން ވަޒަންކުރުން

އިރާނުގެ އަސްކަރީ ގާބިލްކަން ވަޒަންކުރެވެން އޮތީ އެ ގައުމުގެ އެތައް ހާސް ޓޭންކަރުތަކާއި ބައިބޯ ސިފައިންގެ ލަޝްކަރު ނުވަތަ އެ ގައުމުގައި އޮތީ ކިތައް ފައިޓާ ޖެޓްތޯ ގުނައިގެނެއް ނޫނެވެ. އެހެން ނަމަވެސް ސްޓްރެޓެޖިސް ގޮތުން ސަރަހައްދުގައި އޮތް ނުފޫޒާއި މި ނުފޫޒު ބެހިފައި އޮތް މިންވަރާއި ދުޝްމަނުންނަށް ދެވިދާނެ ގެއްލުންތަކުގެ މައްޗަށެވެ. އިރާނުން، ސްޕަ ޕަވަރެއް ނުވަތަ އެ ގައުމަށް ވުރެ ބާރުގަދަ ގައުމެއްގެ މައްޗަށް އަސްކަރީ ގޮތުން އެއް ވަތްތަރެއްގެ ހަތިޔާރާއި ބައްދަލުކޮށް މޮޅުވާކަށް ނުޖެހެ އެވެ. އިރާނުން ކުރަން ޖެހޭ ކަމަކީ އެ ގައުމާ ދިމާކުރާ ގައުމަކަށް ސަރަހައްދުގައިވާ އެ ގައުމުގެ ޖަމާއަތްތަކުގެ ބާރުންނާއި އިރާނުގެ ނުފޫޒު ބޭނުން ކޮށްގެން ދުޝްމަނުންނަށް ގެއްލުންތަކެއް ދިނުމެވެ.

އިރާނުގެ އަސްކަރީ ގާބިލްކަން އޮތީ އެ ގައުމުގެ ކޮންވެންޝަނަލް ބާރުވެރިކަމުގައި އެކަންޏެއް ނޫނެވެ. އިރާނަށް ދުޝްމަނުންގެ ހަމަލާތައް މައިތިރިކޮށް ރައްދުދީ، ދުޝްމަނުންގެ ތަންތަން ހަލާކުކޮށް ގެއްލުންދީ އަދި ދުޝްމަނުންނަށް އިރާނަށް ހަމަލާ ނުދެވޭ ވަރު ކުރުމަކީ އިރާނުން ދުޝްމަނުންގެ މައްޗަށް ކުރިހޯދުމެވެ.

އެމެރިކާއިން އިރާނަށް ހަމަލާ ދިނުމުން އިރާނުން ތަންފުކެއް ވެސް ދޫނުކުރި އެވެ. އެންމެފަހުން ގަތަރާއި އިރާގުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދިނީ އެމެރިކާ އާއި ގަލްފްގެ ގައުމުތަކަށް އިންޒާރު ދިނުމުގެ ގޮތުންނެވެ. އެމެރިކާ އާއި އިޒްރޭލަށް ކުޑަ ވެސް ފުރުސަތެއް އޮތްނަމަ، އިރާނާއި ސުލްހައެއް ނުވާނެ އެވެ. އެމެރިކާއިން އިރާނުގެ ނިއުކުލިއާ މަރުކަޒްތަކަށް ބޮންއެޅީ ހަމައެކަނި އެ ތަންތަން ހަލާކުކޮށްލުމުގެ ނިޔަތުގައެއް ނޫނެވެ. އެހެންނަމަ ވެސް އިރާނުން އިޒްރޭލަށް ރައްދުގައި ދޭ ހަމަލާތަކުން އިޒްރޭލަށް ލިބެމުންދިޔަ ގެއްލުންތައް ބޮޑުކަމުންނާއި އިރާން ހުއްޓުވުމަށެވެ.

އިރާނުން ދިން ހަމަލާއެއްގައި ގޮއްވާލާފައިވާ އިޒްރޭލްގެ ބިލްޑިންގްތަކެއް.

އިޒްރާލާއި އެމެރިކާއިން އިރާނަށް ހަމަލާދިނުން ކުރިއަށް ގެންދާނަމަ، ގަލްފް ގައުމުތަކުގެ ތެޔޮވަޅުތަކާއި ސައުދީ އަރަބިއާ، ގަތަރު އަދި ޔޫއޭއީ ފަދަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ހުރްމޫޒް ކަނޑުއޮޅި ބަންދުވެ، މުޅި ސަރަހައްދުގެ ގައުމުތައް ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ އެވެ. އެމެރިކާއިން ސުލްހަ އިއުލާންކުރީ ހަނގުރާމަތަކުން އިޒްރޭލްގެ އަސްކަރީ ބާރާއި އިގްތިސާދު ވެސް ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި އިރާނުން އިޒްރޭލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފާނެތީ އެވެ. އިތުރަށް ހަނގުރާމަ ކުރިއަށް ދާނަމަ މި ދެންނެވި ގެއްލުންތައް ބޮޑުވެ، އެމެރިކާ އާއި އިޒްރޭލްގެ މަގްސަދު ހާސިލްވާންނެތުމުންނެވެ.

"އެމީހުންގެ (އިރާން) އަތުގައި 20000 މިސައިލް ހުރިނަމަ ދެން ވާނެ ގޮތް ހިތަށް އަރުވަބަލަ،" އިރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއްގެ ކައިރީގައި ހުރެ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

"އެ މީހުންނަކަށް ނޭނގެ އެމީހުންނަށް އެކުރެވޭ ކަމެއް،" ހަނގުރާމަ ހުއްޓާލުން އިއުލާނުކޮށްފައި ވަނިކޮށް އިޒްރޭލާއި އިރާނާ ދެމެދު ހަމަލާތަކެއް ބަދަލުވުމުން އެކަމާ ހިތްހަމަނުޖެހިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ވާހަކައިންނާއި ނަތަންޔާހޫގެ ވާހަކައިން ވެސް އެނގެނީ މި ހަނގުރާމައިގެ ގެއްލުން ބޮޑުކަމާއި ނުރައްކާތެރިކަން އިންތިހާއަށް ބޮޑުކަމެވެ.